މި އަހަރުގެ އަޟްހާ އީދު އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފާހަގަކުރުމުގައި އިސްދައުރެއް އަދާކުރި ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޖަމިއްޔަތުއް ސަލަފުން ވަނީ ހަނދާނީ ލިޔުން ދޫކޮށްފައެވެ.
ރޭ ބޭއްވުނު ހާއްސަ ހަފްލާއެއްގައި އަށް ފަރާތަކަށް ހަނދާނީ ލިޔުން ދޫކުރެވުނެވެ. މި ހަނދާނީ ލިޔުންތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ.
ހަނދާނީ ލިޔުން ލިބުނު ފަރާތްތަކުގެ ތެރޭގައި އދ.ދަނގެތި ޖަމްއިއްޔަތުލް ގަލަމް، ގާފަރު ކައުންސިލް، ހދ.ނޮޅިވަރަމު ޖަމްއިޔަތުލް ރިސާލަ، ރ.ކިނޮޅަސް ކައުންސިލް، ދ.ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އަދި އެރަށުގެ ބްރަދާސް އެކަޑަމީގެ އިތުރުން ހދ.ވައިކަރަދޫ ކައުންސިލާއި ނަޑެއްލާ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ ހިމެނެއެވެ.
އަޟްހާ އީދަކީ އިސްލާމީ ޝިއާރުތަކުގެ ތެރެއިން ވަރަށް މުހިންމު ޝިއާރެއް ކަމަށާއި، މި ފަދަ މުނާސަބަތުތައް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ފާހަގަކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ޖަމިއްޔަތުއް ސަލަފުން ފާހަގަކުރިއެވެ.
މި ހަފްލާގައި ވާހަކަދެއްކެވި ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، އީދު ފާހަގަކުރުމުގައި މުޖުތަމައުގެ އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކަކީ އެ މުޖުތަމައުތަކުގެ އިޖުތިމާއީ ގުޅުން ބަދަހިކޮށް، އިސްލާމީ އަޚުއްވަތްތެރިކަން އާލާކުރުމަށް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

