ހދ. ހަނިމާދޫ އެއަރޕޯޓު ވިއްކާލަން ނުވަތަ ބަޔަކަށް ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އެއަރޕޯޓު ބޭރުގެ ފަރާތަކަށް ވިއްކާލަން ނުވަތަ ކުއްޔަށްދޭން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކައާއި، މިކަމާ ގުޅޭގޮތުން ސިންގަޕޫރުގައި ބަޔަކާ ބައްދަލުކުރި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ “ބުހުތާން ދޮގެއް” ކަމަށް ވަޒީރު ސަޢީދު އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
މި މައްސަލައާ ގުޅޭގޮތުން ފުރަތަމަ ވާހަކަދެކެވުނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައިވާ ޕީއެންއެފްގެ ޖަލްސާއެއްގައެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެފައިވަނީ ހަނިމާދޫ އެއަރޕޯޓު އިންޑިއާގެ އަދާނީ ގްރޫޕަށް ވިއްކާލަން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ.
ރައީސް ޔާމިން ވިދާޅުވި ގޮތުގައި ސިންގަޕޫރުގައި ބޭއްވުނު ބައްދަލުވުމެއްގައި އަދާނީ ގްރޫޕްގެ ޗެއަރމަންއާ ބައްދަލުކޮށް މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދާނީ ގްރޫޕަކީ އިންޑިއާގެ އެންމެ ބޮޑު އެއް ކޮންގްލޮމެރޭޓް ކަމަށްވާއިރު، އެ ގްރޫޕްގެ ޗެއަރމަނަކީ ގޯތަމް އަދާނީއެވެ.
ނަމަވެސް މި ވާހަކަތައް ސަރުކާރުން ވަނީ ސީދާ ދޮގުކޮށްފައެވެ. އަދި މިފަދަ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަން ވަޒީރު ސަޢީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

