މިދިޔަ ހަފްތާގައި 271 ދޯންޏަކުން ކިރުވާފައިވާ މަހަށް މަސްވެރިންނަށް 14.3 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 271 ދޯންޏަކުން މަސްކިރުވާފައިވެއެވެ. މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު 14.3 އިންސައްތަ އިތުރު އަދަދެއް ކަން ފާހަގަކޮށްލެވެއެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވާފައިވަނީ 237 ދޯންޏަކުންނެވެ.
މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް މުޅި ޖުމްލަ 14،251،615 ރުފިޔާ ދޫކޮށްފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި 14،164،625 ރުފިޔާއާއި އަޅާބަލާއިރު 0.6 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ ހަފްތާގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ އަންގާރަ ދުވަހުއެވެ. އެގޮތުން، އަންގާރަ ދުވަހު މިފްކޯއަށް 54 ދޯންޏަކުން މަސްކިރުވާފައިވާއިރު، މަސްވެރިންނަށް މުޅި ޖުމްލަ 3،568،638 ރުފިޔާ ދޫކޮށްފައިވެއެވެ.
މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ނިމިދިޔަ މަސްވެރިންގެ ދުވަހުން ފެށިގެން މި ވައުދުފުޅު ތަންފީޒުކުރަމުން އަންނައިރު، މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަކީ ދަޢުލަތް ދަންނަ ބަޔަކަށް ހެދިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެގޮތުން، ސްވެރިންގެ ދަފްތަރު އެކުލަވާލާއި، މަސްވެރިންނަށް އެމީހުންގެ އާމްދަނީއަށް ބިނާކޮށް ލޯނު ލިބޭގޮތް ވަނީ ހަމަޖައްސާވާފައެވެ. މިއާއެކު، މިހާތަނަށް 14 މަސްވެރިއަކަށް ބީއެމްއެލުން ވަނީ ލޯނު ދޫކޮށްފައެވެ.

