އައްޑޫ ސިޓީ ހުޅުދޫގައި ސިޓީ ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސްތައް ތަރައްޤީކުރުމަށް ބިން ދޫކުރުމަށް ސަރުކާރުން ވަނީ ބީލަން ހުޅުވާލައިފައެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކާއި، ކުންފުނިތަކާއި އަދި ޕާޓްނަރޝިޕްތަކަށެވެ.
މި މަޝްރޫޢުގެ ދަށުން ކެނަރީފް ރިސޯޓް ކައިރިން 4.65 ހެކްޓަރުގެ ބިމެއް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގައި 11 ގެސްޓްހައުސްއާއި 2 ސިޓީ ހޮޓާ ހިމެނޭގޮތަށް ޖުމްލަ 13 ޕްލޮޓް ދޫކުރެވޭނެއެވެ. މީގެ ތެރޭގައި 10 ކޮޓަރީގެ 6 ގެސްޓްހައުސް، 15 ކޮޓަރީގެ 4 ގެސްޓްހައުސް، 25 ކޮޓަރީގެ 1 ގެސްޓްހައުސް، 60 ކޮޓަރީގެ 1 ސިޓީ ހޮޓާ އަދި 35 ކޮޓަރީގެ 1 ސިޓީ ހޮޓާ ހިމެނެއެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އައްޑޫ ސިޓީގައި ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް، ރައްޔިތުންނަށް ފަތުރުވެރިކަމުގެ ނަފާ ހޯދައިދިނުމާއި، އައްޑޫ ސިޓީގެ އިޤްތިޞާދު ކުރިއެރުވުމެވެ. މި ބީލަމުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކަށް ޖުލައި 13 ވަނަ ދުވަހުގެ 13:00 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
އައްޑޫގައި ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ ގޮތުން ސަރުކާރުން މިހާރު ވަނީ ގަން އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތާއި، ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން 560 ކޮޓަރި ތަރައްޤީކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. މީގެއިތުރުން، ޓުއަރިޒަމް ޒޯންތަކުން ބިން ދޫކޮށްފައިވާ ފަރާތްތަކަށް އިތުރު ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށްވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ.

