ބިޒްނަސް އިމޭޖް ގްރޫޕް ޕްރައިވެޓް ލިމިޓެޑް (ބިގް) އިން ދައުލަތަށް ޖީ.އެސް.ޓީގެ ގޮތުގައި ދައްކަންޖެހޭ 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު މި މައްސަލަ ކޯޓަށް ހުށަހެޅިއެވެ. މީރާއިން ކޯޓުގައި ބުނެފައިވާ ގޮތުން، ބިގުން ދައުލަތަށް ދައްކަންޖެހެނީ ޖީ.އެސް.ޓީގެ ގޮތުގައި 1،023،561.04 ރުފިޔާއެވެ. ޝަރީއަތުގެ މަޖިލީހުގައި ބިގުން ވަނީ މި ފައިސާއަކީ އެ ކުންފުނިން ދައްކަންޖެހޭ ފައިސާއެއްކަން ޤަބޫލުކޮށްފައެވެ.
ކޯޓުގެ ހުކުމުގައިވާ ގޮތުން، ބިގުން މި ފައިސާ ޖުލައި 3 އިން ފެށިގެން ފަސް މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ހަލާސްކުރަންޖެހެއެވެ. މި މައްސަލައިގައި މީރާއިން އެދިފައިވަނީ ބިގުން ޓެކްސް ނެގޭ މުއްދަތާ ގުޅިގެން ޖީ.އެސް.ޓީގެ ގޮތުގައި ދިވެހި ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ކަމުގައި ކަނޑައަޅައި، މި ފައިސާ ދެއްކުމަށް އަމުރުކޮށްދިނުމަށެވެ.
ދައުލަތަށް ޓެކްސް ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމަށް މީރާއިން ދަނީ އެކި ގޮތްގޮތުން ފިޔަވަޅު އަޅަމުންނެވެ. މިގޮތުން 2022 ވަނަ އަހަރު އެކަނިވެސް ޓެކްސް ބަޔާން ހުށަހެޅުމަށް 52،158 ފަރާތަކަށް ނޯޓިސް ފޮނުވާފައިވާއިރު، އޭގެ ތެރެއިން އިޖާބަ ދީފައިވަނީ 4،311 ފަރާތަކުންނެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، 2022 ވަނަ އަހަރު ޝަރުއީ މަރުހަލާގެ ތެރެއިން 55 މައްސަލަ ވަނީ މީރާއާ އެއްކޮޅަށް ނިމިފައެވެ. މިއީ ދައުލަތަށް ލިބެންޖެހޭ ޓެކްސްގެ ފައިސާ ހޯދުމަށް މީރާއިން ކުރަމުންދާ މަސައްކަތުގެ ކާމިޔާބީގެ ހެއްކެކެވެ.

