އުމުރުގެ ގޮތުން އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ގެއްލިފައިވާ ކުއްޖަކު އެލްކޭޖީއަށް ބަދަލުކުރުމަށް ހައިކޯޓުން މިއަދު ވަގުތީ އަމުރެއް ނެރެފިއެވެ.
މި މައްސަލައިގައި ކުއްޖާ ވަނީ 2023 ވަނަ އަހަރު ކެންގަރޫ ކިޑްސް ޕްލޭ ސްކޫލަށް ވައްދައި، މިދިޔަ އަހަރު ނާސަރީ ފުރިހަމަކޮށްފައެވެ. ނަމަވެސް މިއަހަރުގެ ދިރާސީ އަހަރު ފެށުނުއިރު، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރުފުރައިގެ މިންގަނޑަށް ނުފެތޭތީ، އެލްކޭޖީއަށް ބަދަލުވުމުގެ ފުރުސަތު ގެއްލި، ނާސަރީގައި ރިޕީޓްކުރަން ޖެހޭ ކަމަށް އެ މިނިސްޓްރީން ނިންމިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން، މި އަހަރު އެލްކޭޖީއަށް ވެއްދޭނީ 31 ޑިސެމްބަރު 2024 އަށް ހަތަރު އަހަރު ފުރި ފަސް އަހަރު ނުފުރޭ ކުދިންނެވެ. މި ކުއްޖާއަށް ހަތަރު އަހަރު ފުރެނީ މި މަހުގެ 13 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ކުއްޖާގެ މައިންބަފައިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ނަމަވެސް، އެ ކޯޓުން ނިންމާފައިވަނީ ކުއްޖާ އެލްކޭޖީއަށް ޕްރޮމޯޓް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގައި ގޮތެއް ނިމެންދެން ވަގުތީ އަމުރެއް ނެރެދިނުމަށް ކުއްޖާގެ މައިންބަފައިން އެދުނެވެ.
ކުއްޖާގެ މައިންބަފައިން ހުށަހެޅި ލިޔެކިޔުންތަކުގައިވާ ގޮތުން، އެ ކުއްޖާއަކީ އުމުރުފުރައިގެ އެހެން ކުދިންނާ އަޅާބަލާއިރު އުނގެނުމާއި ވިސްނުމުގައި އާންމު މިންގަނޑަށްވުރެ މޮޅު ކުއްޖެކެވެ. މިކަން ސާބިތުކޮށްދިނުމަށް ސައިކޮލޮޖިކަލް އެސެސްމަންޓްތަކާއި ޑޮކްޓަރުގެ ލިޔުންތައް ވެސް ހުށަހަޅާފައިވެއެވެ. އަދި މިދިޔަ އަހަރު ކިޔެވި އެއްޗެހި އަލުން ކިޔަވަން ޖެހުމަކީ ކުއްޖާގެ ކިޔެވުމުގެ ޝައުޤުވެރިކަމަށް ހުރަސްއެޅޭނެ ކަމެއް ކަމަށް މައިންބަފައިން ފާހަގަކޮށްފައިވެއެވެ.
ިމިހުރިހާ ކަމަކަށް ރިއާޔަތް ކޮށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެދީފައިވަނީ ކުއްޖާ އެލްކޭޖީއަށް ބަދަލުކުރަށެވެ.

