މަސްވެރިންނަށް ހަގީގަތުގައި ވެސް އަޅާލަނީ މި ސަރުކާރުން ކަމަށާއި އެކަން ދިވެހި މަސްވެރިންވެސް ގަބޫލުކުރާ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު އަސަދުﷲ ޝިހާބް ވިދާޅުވެއްޖެ އެވެ. މި ވާހަކަތައް އަސަދުﷲ ދައްކަވާފައިވަނީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމަށް ވަޑައިގެން މަސްވެރިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ވެފައިވާ ވައުދުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން އަސަދުﷲ ވިދާޅުވީ، އެ ޕާޓީގެ ވެރިކަމުގެ 5 އަހަރު ނިމުނުއިރުވެސް އެ ވައުދުތައް އޮތީ ނުފުއްދި ކަމަށެވެ. "ހަގީގަތަށް ޖެހިލާއިރު އެންމެ ފުރަތަމަކަމަށް މި ބޭފުޅުން ވައުދުވީ އޮފްޝޯގައި 200 ވަރަކަށް މޭލު ދުރުގައި އޮފްޝޯ ޕްލެޓްފޯމުތަކެއް ހަދާފަ އެތަނުގައި ފިހާރައާއި ރެސްޓޯރެންޓާއި މިތަންތަން. އެކަމަކު އެމްޑީޕީގެ ވެރިކަން ނިމިގެންދިޔައިރު ވިޔަފާރިކުރި މީހުންނާ ސައިހޮޓާތަކުން ސައިބުއި މީހުން ތިބީ ބަނޑުދިޔާވެފަ،" އެމެންބަރު ވިދާޅުވިއެވެ.
އަސަދުﷲ ފާހަގަކުރެއްވި ގޮތުގައި ހުވަދު އަތޮޅުގައި ގާއިމުކޮށްފައިވާ 75 އިންސައްތަ އައިސް ޕްލާންޓުތައް މިހާރު ވެސް ވީރާނާވާން ދޫކޮށްލާފައި ހުރި ކަމަށާއި، މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދު އެތައް މިލިއަނަކަށް އަރާ ކަމަށެވެ.
މިހާރުގެ ސަރުކާރުން މަސްވެރިންނަށް ކޮށްދެމުންދާ ކަންތައްތައް ފާހަގަކުރައްވަމުން އަސަދުﷲ ވިދާޅުވީ، "ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެލެއްވި ގޮތަށް ކޮންމެ ދާއިރާއެއްގައި އަދި މަސްވެރި ދާއިރާތަކަށް އެސްޓީއޯ ރޭޓުން ތެޔޮ ލިބޭނެ ގޮތަށް އެސްޓިއޯގެ ތެޔޮ ޕްލާންޓުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އެދަނީ މި ސަރުކާރުން" ކަމަށެވެ. އަދި މިދިޔަ 15 އަހަރާ ޚިލާފަށް މިހާރު މަސްވެރިން ކިރާ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ލިބެމުންދާ ކަމަށާއި މަސްވެރިން ތިބީ ހިތްހަމަޖެހިގެން ކަމަށެވެ.
އަސަދުﷲ ނިންމާލަމުން ވިދާޅުވީ، މިހާތަނަށް މަސްވެރިންނަށް މިއަށްވުރެ އަޅާލި ވެރިކަމެއް ނާންނަ ކަމަށް މަސްވެރިންވެސް މިއަދު ގަބޫލުކުރާ ކަމަށެވެ.

