ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހާމަކޮށްފިއެވެ.
އާރްޑީސީން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، އދ. މާމިގިލީގައި ކުރިއަށްދަނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ރަށްދެބައި މަގުގެ ދުވާރު ހެދުމުގެ މަސައްކަތެވެ. މީގެ އިތުރުން އެ ރަށުގެ ޕާކިންގ ސަރަޙައްދު ލެވެލް ކުރުމާއި ކޮމްޕެކްޓް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
އިޖްތިމާޢީ ޒިންމާގެ ދަށުން މ. މުލަކުގައި ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި، އެ ރަށު ސްކޫލްގެ ފުޓްސަލް ގްރައުންޑް އެއްވަރު ކުރުމާއި ބެކްފިލިންގގެ މަސައްކަތް ހިމެނެއެވެ.
ޅ. ހިންނަވަރާ ގުޅޭގޮތުން އާރްޑީސީން ފާހަގަކުރި ގޮތުގައި، ސަރުކާރުގެ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން އެ ރަށުގައި ހަދަމުންދިޔަ އައުޓްޑޯ ޖިމްގެ މަސައްކަތް ވަނީ މިހާރު ނިމިފައެވެ.
އަދި ހއ. ދިއްދޫ ކައުންސިލްގެ އެދުމުގެ މަތިން، އެ ރަށުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ނެގުމަށް ހަދަމުންދާ ޓްރެކްގެ މަސައްކަތުގެ 90 އިންސައްތަ ވަނީ ނިމިފައިކަމަށް އާރްޑީސީން މަޢުލޫމާތު ދީފައިވެއެވެ.

