އިންސާނާގެ ޞިއްޙަތަށް ނުހަނު މުހިންމު ކަންތައްތަކުގެ ތެރޭގައި ހަށިގަނޑުން ބޭރުކުރަންޖެހޭ ތަކެތި އެކަށީގެންވާ ގޮތުގައި ބޭރުކުރުން ހިމެނެއެވެ. އޭގެ ތެރެއިން ކުޑަކަމުދިއުމަކީ ދުވާލަކު އެތައް ފަހަރަކު ކުރަންޖެހޭ ކަމެކެވެ. ނަމަވެސް ގިނަ ބަޔަކު މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެއެވެ. ކުޑަކަމުދާން ބޭނުންވެ، އެކި ސަބަބުތަކާ ހުރެ ނުގޮސް ހިފަހައްޓައެވެ. މިއީ ވަރަށް ނުރައްކާތެރި އާދައެކެވެ.
ގިނަފަހަރަށް ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނަށް އެކުދިންގެ ކުޅިވަރާއި އަމިއްލަ ކަންކަމުގައި ގެއްލިފައި ތިބޭވަރުން ކުޑަކަމުދާން ޖެހުނަސް ނުގޮސް ހިފަހައްޓައެވެ. ކުރަން އިން ކަންތައް ނިންމާލައި ނުވަތަ ރައްޓެހިކުދިންނާއެކު ހޭދަކުރަން ލިބުނު ވަގުތުކޮޅުން މިނެޓެއްވަރުވެސް ގެއްލިދާނެތީ ފާހާނާއަށް ނުގޮސް ތިބުމަކީ ވަރަށް ގިނަފަހަރު ދިމާވާ ކަމެކެވެ. އެކަމަކު ވިސްނަންވީ ކަމަކީ އެ ވަގުތުކޮޅުގެ ބޭނުމުގައި އަމިއްލަ ސިއްހަތަށް ހީނުކުރާވަރުގެ ގެއްލުމެއް ލިބިދާނެ ކަމެވެ.
ކުޑަކަމު ނުގޮސް ހިފެހެއްޓުމުން ދިމާވާ ސިއްޙީ މައްސަލަތައް؛ ކުޑަކަމު ނުގޮސް ގިނައިރު ހިފެހެއްޓުމުގެ ސަބަބުން އެތައް ސިއްޙީ މައްސަލަތަކެއް ދިމާވެއެވެ. އޭގެ ތެރޭގައި މަސާނާގައި ޖަރާސީމު އަށަގަތުމާއި، ކުޑަކަމުދާން އުނދަގޫވުމާއި، ދިލަނެގުން ފަދަ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން މަސާނާގައި ހިލަ އުފެދުމާއި، މަސާނާގެ މަސްތަކުގެ ވާންކަން ކެނޑި، ބޭއިޚްތިޔާރުގައި ކުޑަކަމުދިއުން ފަދަ ނުރައްކާތެރި މައްސަލަތައްވެސް ދިމާވެއެވެ.
މަސާނާއަށް ލިބޭ ގެއްލުން؛ ކުޑަކަމު ނުގޮސް ގިނައިރު ހިފެހެއްޓުމުގެ ސަބަބުން މަސާނާގެ މަސްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. މަސާނާގެ މަސްތަކަށް ވާންވެ، އޭގެ މަސައްކަތްކުރުމުގެ ޤާބިލުކަން ގެއްލި، އަވަސް އަވަހަށް ކުޑަކަމުދެވުމާއި ކުޑަކަމުދިއުމުގެ ހިއްސު ކުޑަވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން މަސާނާ ރަނގަޅަށް ސާފުނުވެ، ކުޑަކަމުދިއުމުގެ ނިޒާމަށް ދާއިމީ ގެއްލުންތަކެއް ލިބިދާނެއެވެ.
ގުރުދާއަށް ކުރާ އަސަރު؛ ކުޑަކަމު ނުގޮސް ގިނައިރު ހިފެހެއްޓުމުގެ ސަބަބުން ގުރުދާއަށްވެސް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ކުޑަކަމު މަސާނާގައި ހިފެހެއްޓިފައި ހުރުމުގެ ސަބަބުން ގުރުދާއަށް އަރައި، ގުރުދާގެ މަސައްކަތަށް ބުރޫއަރައެވެ. ބައެއް ހާލަތްތަކުގައި މިކަމުގެ ސަބަބުން ގުރުދާ ހަލާކުވެ، ފަސޭހައިން ރަނގަޅުނުވާވަރުގެ ގެއްލުންތަކެއް ލިބިދާނެއެވެ. އެހެނީ މިއީ ކިޑްނީ ފެއިލް ވުމުގެ ފުރުސަތު ބޮޑުވާ ކަމެއްވެސް މެއެވެ.
ކުޑަކަމު ނުގޮސް ހިފެހެއްޓުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކިގެން ނުވާނެއެވެ. މިއީ ވަރަށް ނުރައްކާތެރި އަދި ސިއްޙަތަށް ގެއްލުން ހުރި ކަމެކެވެ. އެހެންކަމުން ކުޑަކަމުދާން ބޭނުންވުމުން ވީހާވެސް އަވަހަކަށް ކުޑަކަމުދިއުމަކީ މުހިންމު ކަމެކެވެ. އަދި މަސައްކަތުގެ މާޙައުލުގައި ނުވަތަ އެހެނިހެން ތަންތަނުގައި ކުޑަކަމުދާން ބޭނުންވާ ވަގުތު އެކަމަށް ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

