ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކޮށް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ބިދޭސީންގެ ޞިއްޙަތާބެހޭ ޤައުމީ ސިޔާސަތު ތަންފީޒުކުރުމަށް ސަރުކާރާއި، ސިއްޙީ ވުޒާރާގެ އިތުރުން މުޖްތަމަޢުގެ އާންމު ފަރުދުންނާއި ހިޖުރަވެރިންގެ އެއްބާރުލުން ބޭނުންވާކަމަށް އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަން މޯލްޑިވްސްއިން، އައިއޯއެމްއިން ފާހަގަކޮށްފިއެވެ.
އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯރ މައިގްރޭޝަންގެ، މޯލްޑިވްސް ނޭޝަނަލް ޕްރޮގްރާމްގެ މެނޭޖަރ އަހުމަދު މުޙައްމަދު ވިދާޅުވެފައިވަނީ މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ސައްހަ ލިޔެކިޔުންތައް ނެތި ގާތްގަނޑަކަށް 70،000 އެއްހާ ބިދޭސީން މަސައްކަތްކުރަމުންދާ ކަމަށެވެ.
ޖޫންމަހުގެ 30 ވަނަ ދުވަހު އިފްތިތާޙުކުރި މި ސިޔާސަތުގެ މައިގަނޑު މަޤްޞަދަކީ ބިދޭސީންގެ އަސާސީ ޞިއްޙީ ޙައްޤުތައް ޙިމާޔަތްކޮށް ކަށަވަރުކުރުމެވެ. އަދި މި ސިޔާސަތު އަމާޒުކުރެވިފައިވަނީ މުޖުތަމަޢުގެ ނަޒަރިއްޔާތު ބަދަލުކުރުން، ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުން، ސައްޙަ މަޢުލޫމާތު އެއްކުރުން، ނާޒުކުކަން ކުޑަކުރުން އަދި ނިޒާމުތައް ޤާއިމުކުރުން ހިމެނޭ 5 ދާއިރާއަކަށެވެ.
"ވަރަށް ބޮޑު މަސައްކަތެއް މިއީ، ހަމައެކަނި ސަރުކާރަކަށް ހެލްތު މިނިސްޓްރީއަކަށް ކުރެވޭނެކަމެއް ނޫން މިއީ. މީޑިއާއަށް ވަރަށް މުހިންމު ރޯލެއް އަދާކުރެވިދާނެ، ސިވިލް ސޮސައިޓީ ނުވަތަ މަދަނީ މުޖްތަމަޢުތަކަށްވެސް ރޯލެއް އަދާކުރެވިދާނެ މިކަމުގައި،" އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.
އަހުމަދު މުޙައްމަދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރަށްރަށުގެ ކައުންސިލްތަކާއެކު ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އަދި ބިދޭސީން ގެންނަ ފަރާތްތަކުން އެމީހުންގެ ޒިންމާ އުފުލައި، އިންޝުއަރެންސް ބެލެހެއްޓުމާއި، ސިއްޙީ ފަރުވާ ހޯދައިދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުން މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.

