ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެއްވެސް ޓަރމިނަލެއް އެއްވެސް ބަޔަކާ ހަވާލުކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މި މައްސަލައާ ގުޅޭގޮތުން އެމްއޭސީއެލްގެ އިސް އޮފިޝަލަކު ދެއްވި މަޢުލޫމާތުގައި، ވީއައިއޭގެ ވީއައިޕީ ޓަރމިނަލް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އޮފިޝަލު އިތުރަށް ހާމަކުރެއްވި ގޮތުގައި، އެ ކުންފުންޏަށް އެކި ފަރާތްތަކުން އެކި މަޝްރޫޢުތަކުގެ ޕްރޮޕޯސަލްތައް ލިބެމުންދެއެވެ. މީގެ ތެރޭގައި ދުބާއީގެ ކުންފުންޏަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްއެއްވެސް ހިމެނެއެވެ. ނަމަވެސް މިފަދަ އެއްވެސް ޕްރޮޕޯސަލްއަކާމެދު މިހާތަނަށް ވަކި ގޮތެއް ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
“އެމްއޭސީއެލްއިން އެފަދަ އެއްވެސް ނިންމުމެއް ނިންމާނީ ކުންފުންޏާއި ގައުމުގެ އެންމެ މަތީ މަސްލަހަތަށް އިސްކަންދީގެން،” އެމްއޭސީއެލްގެ އޮފިޝަލު ވިދާޅުވިއެވެ.
މީގެއިތުރުން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ބޭރުގެ ފަރާތަކާ ހަވާލުކުރަން ނިންމާފައިވާކަމަށް ވެސް މީޑިއާގައި ވާހަކަތަކެއް ދެކެވެމުންދެއެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ނިންމުމެއް މިހާތަނަށް ސަރުކާރުން ނިންމަވާފައި ނުވާ ކަމަށެވެ.

