ޖަމްޢިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި އަހަރުގެ ރަމަޟާންމަހު ބޭއްވުނު މި މުބާރާތުގައި 535 ދަރިވަރުން ބައިވެރިވެފައިވާއިރު، މުބާރާތުން ފާހަގަކޮށްލެވޭ ވަނަތައް ހާސިލުކުރި 13 ދަރިވަރަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. މި އިނާމުތަކުގެ ތެރޭގައި ސްކޫލްތަކަށާއި ވަކިވަކި ދަރިވަރުންނަށް ދެވުނު އިނާމުތަކުގެ އިތުރުން، ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ދެވުނު އިނާމުތައްވެސް ހިމެނެއެވެ.
މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ 24 ސްކޫލަކުން ދަރިވަރުން ބައިވެރިވި މި މުބާރާތުގައި ޕްރައިމަރީ، ސެކަންޑަރީ އަދި ހަޔަރ ސެކަންޑަރީ ގްރޭޑްތަކުގެ ދަރިވަރުން ވާދަކޮށްފައިވެއެވެ. މި ރަސްމިއްޔާތުގައި ޖަމިއްޔަތުލް ފަލާޙްގެ ކީރިތި ޤުރުއާން ކިޔެވުމުގެ ރަންޔޫބީލް މުބާރާތުގެ ހަނދާނީ ފިލައެއް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައިވެއެވެ.
ޖަމްޢިއްޔަތުލް ފަލާޙުން މަޢުލޫމާތު ދެއްވިގޮތުގައި، ކޮންމެ ރަމަޟާން މަހަކު ބާއްވާ މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ މެދުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި، ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމެވެ. އަދި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ދަރިވަރުން އުފެއްދުމެވެ.

