ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސް އިން ގެނެސްދޭ ފިލްމު "ސަރުޒަމީން" ގެ ޓްރެއިލާ ދައްކާލައި، ގިނަ ބެލުންތެރިންގެ ތައުރީފު އޮހެން ފަށައިފިއެވެ.
މި އަހަރުގެ މާޗް މަހު ނެޓްފްލިކްސްގައި ޕްރީމިއަކުރި ފިލްމު "ނާދާނިޔާން"އިން ބޮލީވުޑަށް ތައާރަފުވި އިބްރާހިމް އަލީ ޚާންގެ ދެވަނަ ފިލްމު ސަރުޒަމީންގެ ޓްރައިލާ ދައްކާލުމުން އޭނާއަށް ތައުރީޕް އޮހޭއިރު، މި ފިލްމުގެ އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާނީ ކާޖޮލް އާއި ސައުތު އެކްޓަރު ޕްރިތުވިރާޖްއެވެ.
އިއްޔެ މި ފިލްމުގެ ޓްރައިލާ ދައްކާލައިފައިވާއިރު، މި ފިލްމަކީ ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރު ކަރަން ޖޯހަރު ބުނެފައި ވަނީ، މިއީ ބެލުންތެރިން ވަރަށް ބޮޑަށް ޖަޒުބާތުގައި ޖައްސާނެ ފިލްމެއް ކަމަށެވެ. މި ފިލްމު ޑައިރެކްޓަރަކީ ކުޅަދާނަ އެކްޓަރު ބޮމަން އިރާނީގެ ދަރިފުޅު ކަޔޯޒޭ އިރާނީއެވެ.
"ސަރުޒަމީން"ގައި އިބްރާހިމް އަލީ ހާން ފެނިގެންދަނީ ބަތަލާ ކާޖޮލް އަދި ސައުތު އެކްޓަރު ޕްރިތުވީރާޖް ސުކުމަރަން ގެ ދަރިފުޅުގެ ރޯލުންނެވެ.
ފިލްމު "ސަރުޒަމީން"އަކީ އިބްރާހީމް ފިލްމު އިންޑަސްޓްރީއަށް ތައާރަފުވާނެ ކަމަށް ވަރަށް ގިނަ ބަޔަކަށް ގަބޫލުކުރެވުނު ފިލްމެކެވެ. ނެޓްފްލިކްސްގެ ފިލްމު "ނާދާނިޔާން"ގެ މަސައްކަތް ފެށުމުގެ މާކުރިން އިބްރާހީމް ވަނީ "ސަރުޒަމީން"ގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.
"ނާދާނިޔާން" ފިލްމުގައި ފެނިގެން ދިޔަ އިބްރާހިމް އަލީ ހާންގެ އެކްޓިންގެ ސަބަބުން އޭނާއަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. މިހާރު އާންމުކޮށްފައިވާ "ސަރުޒަމީން"ގެ ޓްރައިލާއާ އެކު އޭނާވަނީ ބެލުންތެރިންގެ ފާޑުކިޔުންތަކަށް ރައްދުދީ އޭނާގެ ހުނަރު ދައްކާލާފައެވެ.
މި ފިލްމުގެ ގިނަ މަންޒަރުތައް ޝޫޓް ކޮށްފައިވަނީ ކަޝްމީރުގައެވެ.
"ސަރުޒަމީން" ދެއްކުމަށް ހަމަޖެހިފައިވަނީ ޖިއޯ ހޮޓްސާ އިންނެވެ.

