މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައި ވަނީ އެއްބަނޑު އެއްބަފާ ދެބެއިންނެވެ.
ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އޭގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އިއްޔެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އުމުރުން 41 އަހަރުގެ އިބްރާހީމް ޝަރީފް އާއި ގ. ސެމިޓޯން، އުމުރުން 44 އަހަރުގެ ހަމްޒާ ޝަރީފްކަމަށެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނީ 90.54 ގުރާމެވެ.
މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

