ރާއްޖޭގެ އުފެއްދުންތެރި ފަންނާނުން ބައިވެރިކޮށް، އެ ފަރާތްތަކުގެ އުފެއްދުންތައް މުޅި ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސްއިން ހުޅުވާލި ލޯކަލް އެމްބެސެޑަރޝިޕް ޕްރޮގްރާމްގެ ދަށުން، ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި ‘2އޮފްއަސް" ހަމަޖައްސައިފިއެވެ.
"މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން" އެމްއެމްޕީއާރުސީން އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައި ވަނީ ސަގާފީ އަދި ފަންނީ ދާއިރާ އިން މުއްސަނދި މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުކުރުމަށެވެ.
އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސްއިން މިއަދު އާއްމުކުރި ބަޔާނެއްގައި ބުނީ، ފުރަތަމަ ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި ‘2އޮފްއަސް، ބޭންޑް ހޮވިފައިވާ ކަމަށެވެ.
ލޯކަލް އެމްބެސެޑަރުންގެ ގޮތުގައި އެ ބޭންޑުން، އިންޑިއާ، ސްރީ ލަންކާ، މެލޭޝިއާ އަދި ފްރާންސްގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޕާފޯމަންސްތައް ހިމެނޭހެން، ހުރިހާ ޝޯއަކާއި އިވެންޓެއްގައި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރާނެއެވެ. އަދި، ސެޕްޓެމްބަރު މަހު "ބްރިޓަންސް ގޮޓް ޓެލެންޑް 19" ގައި އޮޑިޝަންކުރުމުގެ ދައުވަތު ވެސް އެ ބޭންޑަށް ލިބިފައިވާ ކަމަށެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ދިވެހި ފަންނާނުންގެ މަސައްކަތްތަކާއި، އުފެއްދުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހާމަކޮށް، ދިވެހި ސަގާފަތާއި ތަރިކަ ދުނިޔެއަށް ދެއްކުމެވެ.
ލޯކަލް އެމްބެސެޑަރުންެ ޕްރޮގްރާމްގެ ދަށުން ހުޅުވާލި ފުރުޞަތުގައި، ފަންނުވެރިކަމާއެކު ރާއްޖެ އިޝްތިހާރު ކުރުމަށް ކޮންމެ ދިވެއްސަކަށް ވެސް އެ ޕްރޮގްރާމަށް ކުރިމަތިލެވޭނެކަމަށް އެމްއެމްޕީއާރުސީއިން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީން ވަނީ އޭގައި ބައިވެރިވާން ބޭނުންވާ މީހުންގެ ވަނަވަރާއި ޕޯޓްފޯލިއޯ އަދި ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ހުށަހަޅާ ހިޔާލުތައް ހިމެނޭ ޕްރޮޕޯޒަލެއް ތައްޔާރުކޮށް proposals@visitmaldives.com މެއިލް ކުރަން އެދިފައެވެ.

