ސައިކަލު ފަހަތުގައި އިންމީހާއާ ސުވާލުކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގެ ޙަޤީޤަތް ދިވެހި ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ލައިސަންސް އޮތަސް ނެތަސް ހިފަހައްޓައި ޓޯކުރާ ކަމަށާއި، ވާހަކަ ދައްކަނީ ބާޒާރުމަތީ ބަހުރުވައިން ކަމަށެވެ. އަދި ހިފަހައްޓައިގެން ސުވާލުކުރަނީ ސައިކަލުގެ ފަހަތުގައި އިންނަ މީހާއާ ކަމަށް ބުނެ، ފުލުހުން ޓެގްކޮށް މިއީ އިންސާފުތޯ ސުވާލުކޮށްފައިވެއެވެ.
މި މައްސަލައިގެ ޙަޤީޤަތް ހާމަކުރަމުން ފުލުހުން ބުނެފައިވަނީ، ސައިކަލު ފަހަތުގައި އިން މީހާއާ ސުވާލުކޮށް ފިޔަވަޅު އަޅައިފައިވަނީ ފުލުހުން ފެނުމުން ދުއްވަން އިން މީހާ ބަދަލުކުރުމާ ގުޅިގެން ހުއްޓުވައި ބެލިއިރު، ލައިސަންސް ނެތް މީހަކު އުޅަނދު ދުއްވާފައިވާތީ ކަމަށެވެ.
އަދި މި މައްސަލައިގައި ފުލުހުން ފިޔަވަޅު އަޅައިފައިވަނީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

