މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ މަހު ޖުމްލަ 5،940 ކޮންޓެއިނަރު ކްލިއަރކޮށްފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މީގެ ތެރޭގައި 20 ފޫޓުގެ 2،334 ކޮންޓެއިނަރާއި 40 ފޫޓުގެ 1،798 ކޮންޓެއިނަރު ހިމެނެއެވެ.
އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ މަހު އެ ކުންފުނީގެ ބަނދަރަށް 17 ކޮންވެންޝަނަލް ބޯޓާއި 15 ކޮންޓެއިނަރ ބޯޓު ވަނީ ބަނދަރުކޮށްފައެވެ. މާލޭ ވިޔަފާރި ބަނދަރަށް އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ.
ކާބޯތަކެތީގެ ތެރެއިން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ 53 ޓަނުގެ ބިހެވެ. މީގެއިތުރުން 35 ޓަނުގެ ފިޔާ، 30 ޓަނުގެ ކަރާ، 20 ޓަނުގެ އަލުވި އަދި 14 ޓަނުގެ ޓޮމާޓޯ ވަނީ ކްލިއަރކޮށްފައެވެ. އަދި 11 ޓަނުގެ ކަބެޖް، 9 ޓަނުގެ އަލަނާސި، 9 ޓަނުގެ ދޮންކެޔޮ، 3 ޓަނުގެ ބަރަބޯ އަދި 4 ޓަނުގެ އެހެނިހެން ކާބޯތަކެތިވެސް ވަނީ ކްލިއަރކޮށްފައެވެ.
އެމްޕީއެލްއިން ބުނީ، އެ ކުންފުނީގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. “މީގެކުރިއާ އަޅާބަލާއިރު މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައި،” އެމްޕީއެލްއިން ބުންޏެވެ.
އެމްޕީއެލްގެ ޑިޖިޓަލައިޒޭޝަން މަސައްކަތުގެ ދަށުން، މުދާ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ހުރިހާ މަޢުލޫމާތެއް އެއްތަނަކުން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މިކަމުގެ ސަބަބުން މުދާ ކްލިއަރކުރުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

