މާލޭ ވިޔަފާރި ބަނދަރަށް އެތެރެކޮށް، ނުގެންގޮސް ގިނަދުވަސްވެފައިވާ މުދާތައް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ. މިކަމާ ގުޅިގެން އެމްޕީއެލްއިން ވަނީ ނީލަން ކިޔުމަށް ހަމަޖެހިފައިވާ މުދަލުގެ ލިސްޓު އާންމުކޮށް، މުދާ ބެލުމާއި ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
އެމްޕީއެލްއިން މިކަމާ ގުޅޭގޮތުން ދިން މައުލޫމާތުގައި، މުދާ ބެލުމަށް އެދެވޭނީ 2025 ޖުލައި 29 ވާ އަންގާރަ ދުވަހުގެ 15:30 ގެ ކުރިން އޮކްޝަން ޕޯޓަލް މެދުވެރިކޮށް ކަމަށާއި، މުދާ ބެލުމުގެ ފުރުސަތު އޮންނާނީ އެދުވަހުގެ 16:30 ގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މުދާ ބެލުމަށް ޕޯޓު ސަރަހައްދަށް ވަދެވޭނީ ޕޯޓް ސޭފްޓީ މިންގަނޑާ އެއްގޮތަށް ބޫޓާއެކު ކަމަށްވެސް އެމްޕީއެލްއިން ވަނީ އަންގާފައެވެ.
މި ނީލަމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އޮކްޝަން ޕޯޓަލްއަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތަކަށެވެ. ނީލަން ކިޔުން ކުރިއަށްދާނީ 2025 ޖުލައި 30 ވާ ބުދަ ދުވަހުގެ 14:00 އިން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
އެމްޕީއެލްއިން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، ސްކްރެޕްގެ ގޮތުގައި ނީލަމުން ނަގާ މުދާ ކްލިއަރ ކުރެވޭނީ ހަމައެކަނި ރީ-އެކްސްޕޯޓް ކުރެވޭ ގޮތަށެވެ. އަދި މުދާ ކްލިއަރ ކުރުމަށް 10 ދުވަހުގެ ހިލޭ ސްޓޯރޭޖް މުއްދަތެއް ދެވޭނެއެވެ.
މާލޭ ވިޔަފާރި ބަނދަރުގައި މުދާ ނުގެންގޮސް ގިނަދުވަސްވުމަކީ އާންމު ކަމެކެވެ. މިފަދަ މުދާ ގިނަވުމުގެ ސަބަބުން ބަނދަރު ފުރި، ބަނދަރުގެ މަސައްކަތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ.

