މިލަދުންމަޑުލު ދެކުނުބުރި (ނ) ފަރުމުލީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގައި ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކޮށް ހިންގާނެ ފަރާތްތައް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ ބީލަމަށް ހުޅުވާލައިފައެވެ.
މިނިސްޓްރީން މިއަދު ނެރުނު އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގައި ޝައުގުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކުރުމަށް ދެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 21 އަދި އޮގަސްޓް 18 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި ވަރޗުއަލްކޮށެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ބައްދަލުވުން ބޭއްވުމުގެ ކުރީ ދުވަހު މެންދުރު 12:00 ގެ ކުރިން މިނިސްޓްރީގެ އީމެއިލް އެޑްރެހަށް planning@tourism.gov.mv ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭނެއެވެ. މީގައި ބައިވެރިވާން އެދޭ ފަރާތުގެ ނަމާއި، އީމެއިލް އެޑްރެސް އަދި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
ބީލަން ފޮތް ގަތުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.tourism.gov.mv އިން ލިބެން ހުންނާނެއެވެ. އަދި ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި 8 އިން ސެޕްޓެމްބަރު 9 އަށް، ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު 13:00 އާ ދެމެދު، ވެލާނާގޭ 5 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީގެ ރިސެޕްޝަނުންނެވެ.
މި ރިޒޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

