ސްކޫލް ދަރިވަރުންގެ މެދުގައި އިތުރުވަމުންދާ ސައިބަރ ބުލީންގގެ މައްސަލަތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ މަސައްކަތެއް ފަށައިފި އެވެ. މިގޮތުން މާލޭގެ 22 ސްކޫލަކަށް ނިސްބަތްވާ އިންސްޓަގްރާމް ކޮންފެޝަން ޕޭޖްތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، އެ މައްސަލަތައް ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މިފަދަ އިތުރު 20 ކޮންފެޝަން ޕޭޖެއްގެ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) އާއި ސައިބަރ ކްރައިމް ސެންޓަރު ގުޅިގެން ދަނީ ބަލަމުންނެވެ. މިއީ ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ މައްސަލައެއް ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ.
ފުލުހުން ބުނާ ގޮތުގައި މިފަދަ ޕޭޖްތައް އުފައްދައި ހިންގަމުންދާ ފަރާތްތަކަކީ ވެސް ގިނަ ފަހަރު ސްކޫލް ދަރިވަރުންނެވެ. އަދި މި ޕޭޖްތަކުގައި އެހެން ދަރިވަރުންނާއި ޓީޗަރުންނާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފެތުރުމާއި، މަލާމާތް ކުރުމާއި، ފުރައްސާރަ ކުރުމުގެ އިތުރުން ނަފްސާނީ ގޮތުން އަނިޔާ ލިބޭ ފަދަ އެތައް ލިޔުންތަކެއް ޝާއިއުކުރަމުންދެ އެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ހިންގާ މިފަދަ އަމަލުތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުގެ ފަރާތުން ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މިފަދަ ޕޭޖްތައް ހިންގާ ފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމަށްވެސް ފުލުހުން ވަނީ އިންޒާރު ދީފައެވެ.

