ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި އައިލޭންޑް އޭވިއޭޝަންގެ ފުރަތަމަ އިންޖިނިއަރިން ސާވިސް އިމާރާތް ހުޅުވައިފިއެވެ.
“އަލީ ފިރާގް އިންޖިނިއަރިން ސާވިސް ބިލްޑިންގް” ގެ ނަމުން ނަންދެވިފައިވާ މި އިމާރާތް ހުޅުވައިދެއްވީ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހަންމަދު އަމީންއާއި އައިލޭންޑް އޭވިއޭޝަނުގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އިޔާސެވެ.
މި އިމާރާތަށް އަލީ ފިރާގްގެ ނަން ދެވިފައިވަނީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ އަލްމަރުހޫމް އަލީ ފިރާގްގެ ހަނދާނުގައެވެ. އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވި ގޮތުގައި މި އިމާރާތް އެޅުމުގެ ހިޔާލު އަލްމަރުހޫމް އަލީ ފިރާގް ވަނީ 2015 ވަނަ އަހަރު ހުށަހަޅުއްވާފައެވެ.
“މި ކުންފުންޏާ ގުޅުމާ ގުޅިގެން ފުރަތަމަ ދުވަހުން ފެށިގެން އަލީ ފިރާގާއެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު. މި ދުނިޔެ ދޫކުރެއްވުމާ ގާތައްވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަން ލިބުނު. އަދި އެބޭފުޅުންނާ އެކު މަސައްކަތް ކުރުމުގެ ތެރޭގައި އަޅުގަނޑަަށް ވެސް ވަރަށް ގިނަ ތަޖުރިބާ ހާސިލްކޮށް ވަރަށް ގިނަ ކަންކަން ދަސްވި،” އިޔާސް ވިދާޅުވިއެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި އަލީ ފިރާގުގެ ނަމަކީ ހަނދާނުން ފޮހެލެވިގެން ނުދާނެ ނަމެއް ކަމަށާއި، މި އިމާރާތަށް އެ ނަން ދެވުމަކީ އެއަށްވުރެ ރަނގަޅު ދެވަނަ ނަމެއް ލިބިގެން ނުދާނެ ކަމެއް ކަމުގައެވެ. މި އިމާރާތާއި ފެސިލިޓީ ތައްޔާރުކުރުމަށް 10 ވަރަކަށް އަހަރު ނެގިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިތަން ހުޅުވިގެން މިދިޔައީ ރައީސުލްޖުމްހޫރިއްޔާ މިއަދު މިކަންކަމަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ސަބަބުންކަމަށެވެ. މި ސަރުކާރުން މިހާރު ކުރަމުންދަނީ މޯލްޑިވިއަންއަކީ ޤައުމީ އެއަރލައިނަށް ވުމާއިއެކު، ޤައުމީ އެއަރލައިންގެ މަގާމަށް އެއަރލައިން ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައްކަންވެސް މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަލަށް ހުޅުވުނު މި އިމާރާތާއެކު، ގައުމީ އެއާލައިން މޯލްޑިވިއަންގެ އިންޖިނިއަރިން މުވައްޒަފުންގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށާއި، މަސައްކަތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

