ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތިނަދޫ ކައުންސިލުގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑް ކުރި މައްސަލަ މިއަދު ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ދެ ބޭފުޅުން ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެލްޖީއޭއިން އެ ފަރާތްތައް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި، އެ އިދާރާއިން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކޮށްދިނުމަށް އެދިއެވެ.
އެލްޖީއޭއިން މި ދެ ބޭފުޅުން މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ނިންމީ މިދިޔަ ޖޫން 25 ވަނަ ދުވަހުއެވެ. މި ނިންމުން ނިންމީ ތިނަދޫ ސިޓީ ކައުންސިލާ ގުޅޭ ގިނަ ޝަކުވާތަކެއް އެލްޖީއޭއަށް ހުށަހެޅުމާ ގުޅިގެން، މިދިޔަ މާޗް މަހު ހެދި އިންކުއަރީއަކަށް ފަހުގައެވެ.
އެލްޖީއޭގެ އިންކުއަރީ ރިޕޯޓުގައި ތިނަދޫ ކައުންސިލާ ދެކޮޅަށް 19 މައްސަލައެއް ފާހަގަކޮށްފައިވެއެވެ. މީގެ ތެރޭގައި ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކާއި، ކައުންސިލާ ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމަށް ނުކުޅެދިފައިވުމާއި، ކައުންސިލްގެ ބާރުތަކާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ.
އިންކުއަރީގައި ފާހަގަކޮށްފައިވާ އެހެނިހެން މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ނުދިނުމާއި، އެލްޖީއޭގެ އެންގުންތަކަށް އަމަލު ނުކުރުމާއި، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުމާއި، ކައުންސިލުގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭ ގޮތަށް ޕޯސްޓްކުރުން ހިމެނެއެވެ.

