ޓިކްޓޮކްގައި އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރަންދާ ގ. ކަމަރާގެ، މުހައްމަދު ނަބީލް (ޔާޔާ ނަބީލް)ގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ، އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ އުމުރަށް ޖަލަށްލާން ޙުކުމްކޮށްފައިވާއިރު، 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ޙުކުމުގައިވެއެވެ.
މި މައްސަލައިގެ ހުކުމް އަދި ކްރިމިނަލް ކޯޓުގެ ސައިޓަށް ނުލައެވެ. ހުކުމް ނުލިބޭތީ އިތުރު ތަފްސީލެއް އަދި ނޭނގެއެވެ.
ދީނަށް ފުރައްސާރަކޮށް ހެދުމުގެ މައްސަލަގައި މީގެކުރިން ވެސް އެތައް ފަހަރަކު ހައްޔަރުވެސް ކުރިއެވެ. އަދި އެ ފަދަ މައްސަލައެއްގައި 2022 ވަނަ އަހަރު ކްރިމިނަލްކޯޓުން ވަނީ ޔާޔާ ނަބީލް އެއް އަހަރާއި އެއް މަހަށް ޖަލަށްލާންވެސް ހުކުމްކޮށްފައެވެ.
ނަބީލަކީ މީގެ ކުރިން އޮރިޔާންކާޑު ހެދުމުގެ ކުށުގައި ވެސް ޖަލަށްލީ މީހެކެވެ. އެ ގޮތުން، އޭރު އޭނާ އެއް އަހަރު ދުވަހަށް ޖަލަށްލީ ޓިކްޓޮކްގައި ބަރަހަނާވެ، އޮރިޔާންކާޑު ހެދުމުގެ ކުށުގެ ދައުވާގައެވެ.
އެ ފަދަ މައްސަލަތަކުގައި އެތައް ފަހަރަކު ނަބީލް ހައްޔަރުކުރިއެވެ.

