ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރ މައުރޫފު ޖަމީލް އެ މަގާމުން ރިޓަޔާކުރައްވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގެ އެމްޑީގެ މަގާމުން މައުރޫފު އަންނަ އޮގަސްޓް މަހުގެ 18 ގައި ރިޓަޔާ ކުރައްވަނީ ސަރުކާރުގެ “އެޑްވައިޒަރީ” މަގާމެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށެވެ.
ސިއްހީ ބައެއް ކަންކަމާ ގުޅިގެން އެޗްޑީސީގެ އެމްޑީގެ މަގާމުން ދުރަށް ވަޑައިގަންނާ އިރު، އެކަން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ވަނީ އަންގަވާފައެވެ.
ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތުގައި 18 ވަރަކަށް އަހަރު ހޭދަކުރައްވާފައިވާ މައުރޫފު އެޗްޑީސީގެ އެމްޑީއަކަށް އައްޔަން ކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދުގެ މައްޗަށް ކުރި ކޮރަޕްޝަންގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވުމުން މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 22 އެވެ.
މައުރޫފް ޖަމީލަކީ ހުޅުމާލެ ހިއްކި ދުވަސްވަރުން ފެށިގެން ގިނަ ދުވަސްތަކެއް ވަންދެން، ހުޅުމާލެ ތަރައްގީ ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅެކެވެ. އެގޮތުން، ކޮންސްޓްރަކްޝަން މިނިސްޓަރ ގެ މަގާމު އަދާކުރެއްވުމާއެކު، ހުޅުމާލެ ޑިވެލޮޕްމަންޓް ޔުނިޓް އުފެދިގެން އައި އިރު އެ ތަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވީ ވެސް މައުރޫފެވެ.
ހަމައެއާއެކު، އެޗްޑީސީ އުފެއްދުމާ އެކު، އެ ކުންފުނީގެ ސީއީއޯގެ މަގާމުގައި ހުންނެވުމަށްފަހު، އެ މަގާމުން ވަކިވެވަޑައިގަތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން މިނިސްޓަރަކަށް އައްޔަން ކުރެއްވުމާއި ގުޅިގެންނެވެ.

