ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އެއްބަސްވުންތަކަށް ބަދަލުތައް ގެނެސްފައިވަނީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަންޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށް ވާތީ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މުއްތަލިބް މިފަދައިން ވިދާޅުވީ ބައެއް މީޑިއާތަކުގައި ގުޅީފަޅުން ދޫކުރާ ގޯއްޗާއެކު ހަދާ އެއްބަސްވުމުގައި “ނުރައްކާތެރި” ބަދަލުތަކެއް ގެނެސްފައިވާކަމަށް ބުނެ ޚަބަރުފަތުރަމުންދާ ދަނޑުވަޅެއްގައެވެ.
ސޯޝަލް މީޑިއާގައި މި ކަމަށް އިޝާރާތް ކުރައްވާ ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީން ޝޮޓެއް މިނިސްޓަރ ވަނީ ހިއްސާކުރައްވައިފައެވެ.
މިނިސްޓަރު މުއްޠަލިބު ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި ބިމާބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭނެ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށްވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެއެވެ. އަދި އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށްވެސް އެ ގާނޫނުގައި ބުނެފައިވެއެވެ.
މިހާރު ލިބިފައިވާ ރަޖިސްޓްރީއާއި އެއްބަސްވުން ބާތިލްވެ، އައު ލިޔެކިޔުންތައް ދޫކުރުމަށް ހަމަޖެހިފައިވަނީ، ގުޅީފަޅުގެ ބިން ބޭނުންކުރުމުގެ ޕްލޭން ބަދަލުވުމުގެ ސަބަބުން ގޯތީގެ ލޮކޭޝަން ބަދަލުވެ، އާ ގުރެއް ނެގުމަށްފަހުއެވެ.
ބިމާބެހޭ ގާނޫނަކީ 2002 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެކެވެ.

