ރެއާލް ސޮސެއިޑާޑްގެ މިޑްފީލްޑަރު މާޓިން ޒުބިމެންޑީ ދިގު މުއްދަތެއްގެ އެއްބަސްވުމެއްގައި އާސެނަލް އަށް ސޮއިކޮށްފިއެވެ.
މިކަން އާސެނަލް އިން އާދީއްތަ ދުވަހު ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޒުބިމެންޑީގެ ކުރީގެ ކޮންޓްރެކްޓްގައި 60 މިލިއަން ޔޫރޯގެ ރިލީސް ކްލޯޒެއް ހިމެނެއެވެ.
މިއީ އާސެނަލްއަށް މި ސީޒަންގައި ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން ގޯލްކީޕަރު ކެޕާ އަރިޒަބަލާގާ ވެސް އެޓީމަށް ސޮއިކޮށްފައިވާއިރު، އާސެނަލް އަށް ސޮއި ކުރުމަކީ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ޒުބިމެންޑީ ވަނީ ސިފަކޮށްފައެވެ.
ސްޕެއިން ގައުމީ ޓީމާއެކު ޒުބިމެންޑީ 2024 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފައިވާއިރު، 2019-2020 ވަނަ އަހަރު ލާ ރެއާލް ކޮޕާ ޑެލްރޭ ކާމިޔާބުކޮށްދިނުމުގައިވެސް އޭނަ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

