ތިނަދޫ ސިޓީގައި ލޯންޗެއް ކޮންޓްރޯލް ނުވެ ގޮސް ޖެޓީގައި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ތިނަދޫ ފެރީ ޓާމިނަލް ޖެޓީ އަށް ކައިރި ކުރި ލޯންޗެއް ކޮންޓްރޯލު ނުވެ ގޮސް ޖެޓީގައި ޖެހި އެކްސިޑެންޓުވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު 1:50 ހާއިރު ކަމަށެވެ.
ލޯންޗުގައި ތިން އަންހެނުންނާއި އެއް އަހަރުގެ ތުއްތު ކުއްޖަކާއި ކެޕްޓަނާއި ފަޅުވެރިން ހިމެނޭހެން ހަ މީހަކު ދަތުރުކުރިއެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެ ލޯންޗުގައި ތިބި ދެ ފަސިންޖަރަކަށާއި ކެޕްޓަނާއި ފަޅުވެރިޔާއަށް އަނިޔާވެފައިވާ ކަމަށެވެ.
އެކްސިޑެންޓުގައި އަނިޔާވީ ލޯންޗުގައި ތިބި 25 އަހަރުގެ އަންހެނަކާއި 28 އަހަރުގެ އަންހެނަކާއި 50 އަހަރުގެ ކެޕްޓަނާއި 29 އަހަރުގެ ފަޅުވެރިޔާއަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހަތަރު މީހުންނަށް ވެސް ތިނަދޫ ގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.
ހާދިސާއާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާނުކުރި ނަމަވެސް ފުލުހުން އަންނަނީ މި އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުންނެވެ.

