މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މަސްދޯނިފަހަރުގައި ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރްއެސްޑަބްލިއު) ގާއިމުކުރުމަށް ދޫކުރާ ލޯނަށް އެދުމުގެ ޝަރުތުތަކަށް އިތުރު ލުއިތަކެއް ދީފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ގެނައި މި ލުއިތަކުގެ ތެރޭގައި، ލޯނަށް އެދޭ ފަރާތްތަކުގެ ކްރެޑިޓް ހިސްޓްރީ ބަލާ މުއްދަތު އެއް އަހަރުން ތިން މަސް ދުވަހަށް ކުޑަކުރުން ހިމެނެއެވެ. އަދި އަލަށް ބަންނަ ދޯނިތަކަށްވެސް މި ލޯނަށް އެދެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މި ލޯނު ސްކީމްގެ ދަށުން، ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރްއެސްޑަބްލިއު ސިސްޓަމަކާއި ޖަނަރޭޓަރަކާއި ސޯލާ ޕެނަލް ގަތުމަށް ފައިނޭންސިންގ ލިބޭނެއެވެ. އަދި މި ފެސިލިޓީގެ ދަށުން ނަގާ ތަކެތީގެ އަގުގެ 35 އިންސައްތަ ސަރުކާރުން ދައްކައިދޭނެކަމަށް ވެސް ވަނީ އިޢުލާންކޮށްފައެވެ.
މިހާތަނަށް ގާތްގަނޑަކަށް 100 އެއްހާ ދޯނީގައި އާރްއެސްޑަބްލިއު ސިސްޓަމްތައް އެޅުމަށް އިސްލާމިކް ފައިނޭންސްއިން ވަނީ ފެސިލިޓީ ހަމަޖެހިފައެވެ. މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި އިކޮނޮމިކް މިނިސްޓްރީއާއި، ފިޝަރީޒް މިނިސްޓްރީ އަދި އެސްޑީއެފްސީ ގުޅިގެންނެވެ.
މި ލޯނު ސްކީމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު ގާއިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ނުލިބުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އައިސް ހޯދުމަށް މަސްވެރިންނަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމެވެ. މީގެ ސަބަބުން މަސްވެރިންނަށް މަހުގެ ކޮލިޓީ ދަމަހައްޓައި، ރަނގަޅު އަގެއްގައި މަސް ވިއްކުމުގެ ފުރުސަތު އިތުރަށް ފަހިވެގެންދާނެއެވެ.

