ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓަރމިނަލް ހުޅުވުމުގެ ޙަފްލާގެ ކަންކަން އިސްރާއީލަށް ފަންޑުކުރާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ބުނެ ރާއްޖެ ޓީވީން ފަތުރަމުންދާ ޚަބަރަކީ އެއްވެސް ޙަޤީޤަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްޢާން ހުވަދޫމީޑިއާއަށް ވިދާޅުވި ގޮތުގައި، ރާއްޖެ ޓީވީން ދަނީ ބަނާނާ ސްޕްލިޓް ކުންފުންޏާ ފަސް މިލިއަން ޑޮލަރަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކަމަށް ބުނެ ދޮގު މަޢުލޫމާތު ފަތުރަމުންނެވެ. މިއީ ސީދާ ކަނޑައެޅިގެން ފިތުނަ އުފެއްދުމަށް ފަތުރަމުންދާ ދޮގު ވާހަކަތަކެއް ކަމަށް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.
“އަޅުގަނޑުމެންބަނާނާ ސްޕްލިޓް ކުންފުންޏާ އެއްވެސް ޑީލެއް ކޮށްފައި ނުވާނެ. އަދި ދަންނަވަންތޯ، ރައްޔިތުންނަށް ޔަޤީންކަން އަރުވަން އިޒްރޭލަށް ފަންޑުކުރާ އެއްވެސް ކުންފުންޏަކަށް އެއްވެސް ކަމެއް ހަވާލެއް ނުކުރާނެ ކަން،” ލަމްޢާން
އެއާޕޯޓް ހުޅުވުމުގެ ކަންކަމުގެ އެއްވެސް މަސައްކަތެއްގައި ބަނާނާ ސްޕްލިޓް ކުންފުނިން އެއްވެސް ދައުރެއް އަދައެއް ނުކުރާނެ ކަމަށާއި، އެ ކުންފުންޏަށް އެއްވެސް މަސައްކަތެއް ހަވާލުކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން ލަމްޢާން ވަނީ ދެއްވާފައެވެ.
މި މައްސަލައިގައި މިފަދަ ދޮގު މަޢުލޫމާތު ފެތުރުން އެމްއޭސީއެލްއިން ވަނީ ކުށްވެރިކޮށްފައެވެ. އަދި މި މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހޯދި ވަރަށް ބޮޑު ކާމިޔާބެއްކަން ފާހަގަކުރައްވައި ލަމްޢާން ވިދާޅުވީ އެރޭގެ ޝަރަފުވެރި ހަފުލާ ވަރަށްވެސް ކުލަގަދަ ވާނެ ކަމަށާއި ތާރީހުގައިވެސް ފާހަގަކޮށްލެވޭ ވަރުގެ ބޮޑު އަދި ފުރިހަމަ ޙަފުލާއެއް ބޭއްވުުމަށް ހަމަޖެހިފައިވާ ކަމަށެވެ.

