މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވެ، ގަސް އިންދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ޕްރޮގްރާމުގެ ދަށުން މި އަހަރު ނިމޭއިރު 100،000 ގަސް އިންދުމަށް ވަނީ ނިންމާފައެވެ.
މި ޕްރޮގްރާމް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ގަސް އިންދުމުގެ ޕްރޮގްރާމް ފައްޓަވައިދެއްވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދު އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މިނިސްޓަރު ތޯރިގް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިސްވެރިންގެ އިތުރުން އެމްސީއެލްގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދަވާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި ގަސްގަހާގެހި ގިނަކޮށް ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތަކަށް ހައްލެއް ހޯދުމެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ރާއްޖޭގެ ގިނަ ކުންފުނިތަކުން ބައިވެރިވަމުންދާއިރު، ސްޓެލްކޯއިން ވެސް ވަނީ މިހާތަނަށް ބައި ލައްކައަށް ވުރެ ގިނަ ގަސް އިންދާފައެވެ.

