ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ސިޓީސްތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ގުޅޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.
މި މަޢުލޫމާތު ވަޒީރު ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެލްޖީއޭ އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމު ކުރުމަށް ނިންމާފައިވަނީ މުހިންމު ބޭނުންތަކެއް ހާސިލުކުރުމަށް ކަމަށް ވަޒީރު ވިދާޅުވި އެވެ.
މި ނިންމުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި އެލްޖީއޭގެ ހާމަކަން (ޓްރާންސްޕޭރަންސީ) އިތުރުކުރުމާއި، ކައުންސިލްތަކުން ޖަވާބުދާރީވުމާއި ޒިންމާދާރުވުން އިތުރުކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން ގުޑް ގަވަރނަންސްގެ ހަމަތައް ދެމެހެއްޓުމަށްވެސް މި ނިންމުމުން މަގުފަހިވާނެ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
މިއީ އެލްޖީއޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އިންކުއަރީ ރިޕޯޓުތައް ޢާންމުކުރަން ނިންމި ނިންމުމެވެ. މީގެ ކުރިން އެލްޖީއޭ އިން ހަދާ ކައުންސިލްތަކުގެ އިންކުއަރީގެ ސަމަރީ ރިޕޯޓްތައް ޢާންމުކޮށްފައެއް ނުވެ އެވެ.
މި ނިންމުމަކީ ކައުންސިލްތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް އިތުރު އިތުބާރެއް ގެނެސްދޭނެ ނިންމުމެއް ކަމަށް ބެލެވެ އެވެ.

