ކޮންމެ އަހަރެއްގެ ޖުލައި 7 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ޗޮކްލެޓް ދުވަހެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޗޮކްލެޓްގެ މުހިންމުކަން ފާހަގަކޮށް، އެކަމުގެ އުފާވެރިކަން ޙިއްޞާކުރާ ދުވަހެކެވެ. ޗޮކްލެޓަކީ ހިތްތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ އެއްޗެއް ކަމަށް އެތައް ދިރާސާތަކަކުން ދައްކައިދީފައިވާ ބާވަތެކެވެ.
މިއަދު ޗޮކްލެޓެއް ހަދިޔާކޮށްލައިގެން އާއިލާއާއި ރައްޓެހިރަހުމަތްތެރިންނާއި ލޯބިވެރިޔާއާއި ބައިވެރިޔާއާއެކު ގުޅުން ބަދަހިކޮށްލުން ކީއްތޯއެވެ.
ޗޮކްލެޓްގެ ސިއްޙީ ފައިދާތައް
ދިރާސާތަކުން ދައްކާ ގޮތުގައި ޗޮކްލެޓަކީ ސިއްޙީ ގޮތުން ވަރަށް ފައިދާހުރި އެއްޗެކެވެ. ޚާއްޞަކޮށް ޑާކް ޗޮކްލެޓްގައި ހިމެނޭ ކޮކޯ ފްލެވަނޯލްސްއަކީ ހިތާއި ސިކުނޑިއަށް ވަރަށް ފައިދާހުރި މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ހިތުގެ މަސައްކަތްތަކާއި ލޭގެ ދައުރުވުން ރަނގަޅުކޮށްދެއެވެ. އަދި މިނަރަލްތަކުގެ ތެރެއިން އަޔަން، މެގްނީޒިއަމް، ޒިންކް، ކޮޕަރ އަދި ފޮސްފަރަސް ފަދަ މުހިންމު މާއްދާތައް ޗޮކްލެޓްގައި އެކުލެވިގެންވެއެވެ.
ސިކުނޑިއަށް ކުރާ ފައިދާ
ޤަވާއިދުން ޗޮކްލެޓް ކެއުމުން ހަނދާން ގަދަވެ، ކަންކަމަށް ދެވޭ ސަމާލުކަމާއި ޝައުޤުވެރިކަން އިތުރުވެއެވެ. އަދި މުޢާމަލާތްކުރުން ފަސޭހަވެއެވެ. ޗޮކްލެޓްގައި އެކުލެވޭ އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހަށިގަނޑުގެ ސެލްތައް ހަލާކުވުމުން ރައްކާތެރިކޮށްދެއެވެ. މީގެ އިތުރުން ސްޓްރެސް ކުޑަކޮށް، ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދެއެވެ.

ލޯބިވާ މީހުންނަށް ޗޮކްލެޓް ހަދިޔާކުރުމުގެ މުހިންމުކަން
ޗޮކްލެޓަކީ ލޯބި، އޯގާތެރިކަން އަދި އެކުވެރިކަން ފާޅުކުރުމަށް އެންމެ އެކަށީގެންވާ ހަދިޔާތަކުގެ ތެރެއިން އެއް ހަދިޔާއެވެ. ލޯބިވާ މީހަކަށް ޗޮކްލެޓް ހަދިޔާކުރުމަކީ އެ ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ހަނދާނުގައި ދެމިހުންނާނެ މީރު ތަޖުރިބާއެކެވެ. ޗޮކްލެޓްގެ މީރުވަސް އަދި ރަހައާއެކު، އެ ހަދިޔާ ލިބުނު ވަގުތުގެ އުފާވެރި ހަނދާންތައް އަބަދުވެސް ހިތުގައި ރައްކާވެފައި ހުންނާނެއެވެ.
ޗޮކްލެޓް ދުވަސް ފާހަގަކުރުން
ބައިނަލްއަޤްވާމީ ޗޮކްލެޓް ދުވަސް ފާހަގަކުރުމަށް އެކި ގޮތްގޮތުން ކަންތައްތައް ކުރެވިދާނެއެވެ. މީގެ ތެރޭގައި އަމިއްލައަށް ޗޮކްލެޓް ހަދައި ލޯބިވާ މީހުންނަށް ހަދިޔާކުރުން، އާ ބާވަތްތަކުގެ ޗޮކްލެޓް ތަޖުރިބާކުރުން، އަދި ޗޮކްލެޓަކާއި ބައިވެރިޔާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލުމުންވެސް ތަފާތު ހަނދާނެއް ރައްކާކޮށްލެވޭނެތާއެެވެ.
ޗޮކްލެޓަކީ ހަމައެކަނި ކެއުމަށް ރަހަ ލިބޭ އެއްޗެއް ނޫނެވެ. އެއީ އިންސާނީ ގުޅުންތައް ބަދަހިކޮށް، ސިއްޙަތަށް ފައިދާކުރަނިވި، އަދި ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަގުހުރި ހަދިޔާއެކެވެ. ބައިނަލްއަޤްވާމީ ޗޮކްލެޓް ދުވަހުގައި ލޯބިވާ މީހުންނަށް ޗޮކްލެޓް ހަދިޔާކޮށް، އެ މީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަކީ ހަނދާނުގައި ދެމިހުންނާނެ ތަޖުރިބާއެކެވެ.

