ހައްދުފަހަނައަޅާފައިވާ އިޒްރޭލުގެ އަނިޔާވެރި ދައުލަތާއި ގުޅުންހުރި ނުވަތަ އިޒްރޭލާއި ގުޅުންހުރި އެއްވެސް ކުންފުންޏަކާއެކު އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިރޭ ބުނެފިއެވެ.
އެމްއޭސީއެލްއިން މިކަން ހާމަކޮށްފައިވަނީ، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާއި ޝޯ ބޭއްވުމަށް ހަވާލުކޮށްފައިވާ ކުންފުންޏަކީ އިޒްރޭލަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކުންފުންޏެއްކަމަށް ބުނެ ރާއްޖެ ޓީވީން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވީޑިއޯއަކާ ގުޅިގެންނެވެ.
އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްއޭސީއެލްއަކީ ސައްތައިން ސައްތަ ދިވެހި ކުންފުންޏެއް ކަމަށާއި، ދިވެހިންގެ ވިންދާ ނުގުޅޭ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެފަދަ ޢަމަލެއް ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ލަމްޢާން ހުވަދޫމީޑިއާއަށް ވިދާޅުވެފައިވަނީ، “ޓާމިނަލް ހުޅުވާ ހަފްލާގެ ހަވާއި ޝޯގެ ކަންތައްތައް ކުރިޔަށް ގެންދާނީ އެމްއެންޑީއެފާއި އަދި ދުނިޔޭގެ ނަން މަޝްހޫރު ބައެއް ކުންފުނިތަކާ ގުޅިގެން” ކަމަށެވެ.
އެމްއޭސީއެލްއިން އިތުރަށް ބުނެފައިވަނީ، ރާއްޖެ ޓީވީން ފަތުރަމުންދާ މި މަޢުލޫމާތަކީ ހަޤީޤަތާ ޚިލާފު، އެއްވެސް އަސްލެއްނެތް، އަދި ކުންފުނީގެ އަގު ވައްޓާލުމަށް ދައުރުކުރަމުންދާ ވާހަކަތަކެއް ކަމަށެވެ. އަދި މިކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

