މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއް ކަމަށްވާ އޮލިވް ގާޑަންއަށް ދޮގު ސްލިޕް ފޮނުވައިގެން 115,000 ރުފިޔާގެ ތަކެތި ކައި މީހަކު ނުވަ މަހަށް ޖަލަށްލުމަށާއި އަހަރަކަށް ވުރެ ގިނަ ދުވަހަށް ގޭ ބަންދުކުރުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ދ. ކުޑަހުވަދޫ، ޑޭޒީމާގެ، އަބްދުﷲ ފަޒީލްގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ދަޢުވާކޮށްފައިވަނީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ އާއި މީހަކަށް ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ސައްހަ ނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާއެވެ.
ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވާ ގޮތުގައި، 2019 އޮގަސްޓް 22 އިން ފެށިގެން 2021 އޮކްޓޯބަރު 25 ގެ ނިޔަލަށް އެކި ދުވަސްމަތިން ފަޒީލް ވަނީ އޮލިވް ގާޑަން ރެސްޓޯރެންޓުން ކާތަކެތި އޯޑަރުކޮށް، އަސްލު ބިލަށްވުރެ މަދު އަދަދެއްގެ ދޮގު ސްލިޕް ވައިބަރ މެދުވެރިކޮށް ފޮނުވާފައެވެ.
ފަޒީލް ވަނީ ކޯޓުގައި މި ދެ ދަޢުވާއަށްވެސް އިޢުތިރާފުވެފައެވެ. މަކަރާއި ހީލަތް ހެދުމުގެ ދަޢުވާއަށް ހަ މަސްދުވަހަށް ގޭ ބަންދުކުރުމަށާއި އެއް އަހަރާއި 22 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ދޮގު ލިޔުން އުފެއްދުމުގެ ކުށަށް ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ.
މީގެއިތުރުން، އޮލިވް ގާޑަން ރެސްޓޯރެންޓް ހިންގާ ސަންރައިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 115,000 ރުފިޔާ ހަ މަސްދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

