ނިޔަފަތި ކެއުމަކީ ވަރަށް ގިނަ ބަޔަކަށް ދިމާވެފައިވާ އާދައެކެވެ. މި އާދައަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައިވެސް ފެންނަމުންދާ އާދައެކެވެ. ނިޔަފަތި ކެއުމަކީ ހަމައެކަނި އާދައެއް ކަމަށް ހީކޮށް އަޅާނުލައި ދޫކޮށްފައި ހުރުމުގެ ސަބަބުން ކުއްޖާ ބޮޑުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ އާއިލާއެއް ބިނާކުރާއިރުވެސް މިސިފަ ބަދަލެއްނުވެއެވެ. އަދި މިއީ ފަރުވާކުޑަކުރާ ކަހަލަ ކަމެއްވެސް ނޫންމެއެވެ. ހަމައެހެންމެ، މިއީ ޞިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުން ވަރަށް ގިނަ މައްސަލަތަކަކަށް މަގުފަހިވެދާނެ ކަމެކެވެ.
ނިޔަފަތި ކެއުމުގެ ސަބަބުތައް: ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ނިޔަފަތި ކެއުމަކީ ގިނަ ފަހަރަށް ހާސްކަމާއި ނުތަނަވަސްކަމާ ގުޅިފައިވާ އާދައެކެވެ. 48 މީހުން ބައިވެރިކޮށްގެން ހިންގުނު ދިރާސާއަކުން ދައްކާގޮތުގައި މި އާދަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ރުޅިވެރިކަމާއި ފޫހިކަން އިހުސާސްކުރާ ވަގުތުތަކުގައެވެ. މީގެ އިތުރުން، މި އާދައަކީ އޮބްސެސިވް-ކޮމްޕަލްސިވް ޑިސްއޯޑަރ (އޯސީޑީ) އާއި އޭޑީއެޗްޑީ ފަދަ ނަފްސާނީ ބަލިތަކާވެސް ގުޅުން ހުރި ކަމެކެވެ.
ޖިސްމާނީ ގޮތުން ކުރާ ނޭދެވޭ އަސަރުތައް: ނިޔަފަތި ކެއުމުގެ ސަބަބުން ދަތްތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ދަތްތަކުގައި ރެނދުލައި، އަދި ދަތުގެ ބައްޓަން ބަދަލުވުން ފަދަ ކަންކަން ދިމާވެއެވެ. މީގެ އިތުރުން ދަތުގެ ހިރުގަނޑަށްވެސް ގެއްލުން ލިބި، ދަތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވެއެވެ. އަދި ނިޔަފަތި ކެއުމުގެ ސަބަބުން ނިޔަފަތީގެ ވަށައިގެންވާ ހަމުގައި އިންފެކްޝަން ޖެހި، ރިއްސުމާއި، ދުޅަވުމާއި، ކުލަ ބަދަލުވުން ފަދަ ކަންކަން ދިމާވެއެވެ. އެންމެބޮޑު އެއް ގެއްލުމަކަށްވާނީ، ނިޔަފަތީގައި ހަރުލާފައި ހުންނަ ޖަރާސީމެވެ. ކިތަންމެ ސާފުކޮށް އަތްދޮވެގެން ހުރިކަމުގައި ވިޔަސް، ނިޔަފަތީގެ ތެރެއިން ހުރިހާ ޖަރާސީމު ފިލުވުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ، އަދި ގޭތެރޭގެ ކަންތަކުގައާއި ބޭރުތެރޭގައި އުޅޭއިރުވެސް ޖަރާސީމުން އޮންނަނީ ސަލާމަތް ނުވެފައެވެ. މިފަަދަ ވަގުތެއްގައި، އަނގައަށް ލައި ދަތުން ހަފައި ބައެއް ފަހަރު ކައި ހަދާއިރު ޖަރާސީމުތައް އެތެރެހަށްޓަށް ވާސިލުވެ މީހާ ބަލިވުން ވަރަށް ގާތެވެ. ގިނަފަހަރު ކަންދިމާވެފައޮވެސް އޮތީ މިފަދަ ގޮތަކަށެވެ.
ހަމައެހެންމެ ނިޔަފަތީގެ ކަނުން ފެށިގެން ކައިފައި ހުންނާތީވެ ނިޔަފަތިން ކޭއަރައި ކައިރިން ފާރުވުމަކީވެސް އާންމުކޮށް ދިމާވާ މައްސަލައެކެވެ.
ނަފްސާނީ އަސަރުތައް: ޕްރޮފެސަރ ކީރޮން އޯ’ކާނަރ ވިދާޅުވާ ގޮތުގައި ނިޔަފަތި ކެއުމުގެ އާދަ ހުންނަ މީހުންނަކީ އެމީހުންގެ އަމިއްލަ ވާހަކަތައް ފަސޭހައިން ހިއްސާ ކުރާ ބައެއް ނޫނެވެ. އަދި ބޭނުންވާ ކަންކަމުގައި އަވަހަށް ރުންކުރުވުމާއި ކެތްތެރިކަން ކުޑަ ސިފަތައް ހުންނަ ބައެކެވެ. އަދި އެމީހުން ބޭނުންވާ ފުރިހަމަކަން ނުލިބުމުން އަވަހަށް ރުޅިގަދަވެ، ކެތްމަދުވެ، ފޫހިވެއެވެ. އަދި މިކަމުގެ ސަބަބުން ގުޅުންތަކަށްވެސް އަސަރުކުރެއެވެ.
ހައްލަކީ: ނިޔަފަތި ކެއުމުގެ އާދައިން ދުރުވުމަށް އެކި ފަރުވާތައް ލިބެން ހުރެއެވެ. ނިޔަފަތި ކުރުކޮށް ބެހެއްޓުމާއި، ނިޔަފަތީގައި ހިތި ރަހަ ހުންނަ އެއްޗެއް ހާކާފައި ހުރުންވެސް އެހީތެރިވެއެވެ.. އަދި ހާސްކަމާއި ނުތަނަވަސްކަން ކުޑަކުރުމަށް ތަފާތު އެހެނިހެން ގޮތްތައް ބޭނުންކުރުމަކީވެސް މުހިންމު ކަމެކެވެ.
ނިޔަފަތި ކެއުމަކީ ހަމައެކަނި އާދައެއްގެ ގޮތުގައި ފެށި ނަމަވެސް، ވަރަށް ގިނަ ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. މި އާދައިން ދުރުވުމަށް ފަރުވާ ހޯދުމަކީ މުހިންމު ކަމެކެވެ. ޚާއްޞަކޮށް މިކަން ހުއްޓުވޭވަރަށްވުރެ ބޮޑަށް ދެވިހިފާފައިވާ ނަމަ ސިއްހީ މާހިރެއް، ޑޮކްޓަރެއްގެ ނުވަތަ ނަފްސާނީ ފަރުވާދޭ ފަރާތެއްގެ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ.

