އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް މެދުވެރިކޮށް ޔުނިޓެޑް އަރަބް އެމިރެޓްގެ އެހީތެރިކަމާއެކު ކުރިއަށްގެދިޔަ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާ ވައިޑް ބޮޑީ މަތިންދާބޯޓު ޖައްސަން ފަށައިފިއެވެ.
މި އެއާޕޯޓު ތަރައްގީކުރީ ދެ ފިޔަވައްސަށް ބަހައިލައިގެންނެވެ.
ދެެވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރުމަށް މިއަދު އެ އެއާޕޯޓުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ.އަބްދު ﷲ މުއްތޮލިބާއި، ޔޫއޭއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝެއިޚް ރަހްމާ އަބަދުލްރަހްމާން ރަހްމާ އަބްދުލްރަހްމާން އަލް ޝަމްސީއާއި، ޑިރެކްޓާ ޖެނެރަލް އޮފް ދި އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް ހިސް އެކްސެލެންސީ މުހައްމަރު ސައިފް އަލް ސުވައިދީ، އަދި އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު އަބްރާހީމް އިޔާސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ޔޫއޭއީއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ އެއް ކަމަކީ މާފަރު އެއާޕޯޓުގެ ތަރައްގީ ކަމަށެވެ.
މި ފިޔަވަހީގައި ކުރީގެ ރަންވޭއަށް 650 މީޓަރު އިތުރުކޮށް ކޯޑް-އީ މަތިންދާ ބޯޓުތައްކަމަށްވާ ބޮއިން 787، 777 އަދި އޭ330 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް ވަނީ ތަރައްގީކޮށްފައެވެ.
އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު ނިންމުން ފާހަގަކުރުމަށް އެއާޕޯޓަށް ޖައްސާފައިވަނީ މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓެވެ.
މާފަރު އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށީ ޖެނުއަރީ 23، 2018 ގައެވެ. ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ކޮމާޝަލް ދަތުރުތައް ފެށީ ޑިސެމްބަރު 1، 2019 ގައެވެ.

