ލ. ފޮނަދޫގައި ބަނދަރަކާއި ބަންކަރިންގެ ހިދުމަތް ދިނުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި އިއުލާނެއްގައި ބުނީ ލާމުގެ ބަނދަރާއި ބަންކަރިން މަޝްރޫއަކީ، އިންޑިޔާ ކަނޑުގެ މެދު ސަރަހައްދުގައި ހިމެނޭ މުހިއްމު ބޮޑު ވިޔަފާރި ދަތުރުތަކުގެ މުހިއްމު މަގެއްކަމަށްވާ “ވަން އެންޑް ހާފް ޑިގްރީ ޗެނަލް”އާ އިންވެގެން އޮންނަ އަތޮޅެއް ކަމުގައިވާ ލ.އަތޮޅުގައި ހިންގަން ސަރުކާރުން ނިންމާފައިވާ އިސްތިރާޖީ މަޝްރޫއެއް ކަމަށެވެ.
މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލީ އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަށް އަމިއްލަ އިންވެސްޓަރުންގެ ޝައުގު ހުރި މިންވަރު ބެލުމަށާއި، ވިޔަފާރީގެ ގޮތުން ދެކޮޅު ޖެހޭ މިންވަރާއި އެ ތަނުން މާލީ ފައިދާ ލިބޭނެ ގޮތްތައް ދެނެގަތުމާއި، އެ ތަން ހިންގާނެ ވިޔަފާރި މޮޑެލްތަކަށް ހިޔާލު ހޯދުމަށް ކަމަށެވެ.
އިތުރަށް މި މަރުހަލާގައި، ބަނދަރާއި ބަންކަރިންގެ އިތުރަށް އެ ތަނުގައި ގާއިމުކުރެވިދާނެ އެހެނިހެން ވަސީލަތްތަކާ ގުޅޭ ހިޔާލުތައްވެސް ހޯދާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އޭގެތެރޭގައި ހިމެނެނީ ލޮޖިސްޓިކް ހަބްތަކާއި، އުޅަނދުފަހަރު މަރާމާތުކުރާނެ ވަސީލަތްތަކާއި ޔޮޓު ފަހަރަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ހިޔާލު ހޯދާނެ ކަމަށް ބުނެފައިވެއެވެ.
ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކާއެކު މަޝްވަރާކުރާ މަރުހަލާގައި މަޝްރޫއުގެ ބޮޑުމިނަށް ގެނެވިދާނެ ބަދަލުތަކާއި، މިހާރު ފަރުމާކޮށްފައިވާ ގޮތްތައް ނޫން ގޮތްތަކަށް މަޝްރޫއެއް ބައްޓަންކުރެވިދާނެ ގޮތްތަކާމެދު މަޝްރާކުރެވޭނެއެވެ.

