6 މަސް ދުވަހު މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު އެމްޑަބްލިއުއެސްސީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މަގާމުން ވަކިކޮށްފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ފަޒީލް މާދަމައިން ފެށިގެން މަގާމުން ވަކިކުރަން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އޮޅުވާލައިގެން މަކާރާ ހީލަތުން ހުޅުމާލެއިން ބިމެއް ހޯދި މައްސަލާގައި ހިމެނޭ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު އެ މަގާމުން ސަސްޕެންޑްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
ފަޒީލް ސަސްޕެންޑު ކުރަން ކުންފުނީގެ ބޯޑުން ނިންމާފައި އޮތީ މުސާރަ ހިނގާ ގޮތަށް ކަމަށް ވުމުން، ޕެންޝަނާއި އިންކަމް ޓެކްސް އަށް ކެނޑުމަށް ފަހު ކޮންމެ މަހަކު ފަޒީލް އަށް 63،000ރ. ލިބެއެވެ.
މިދިޔަ ހަ މަސް ދުވަސް ތެރޭ މުސާރައިގެ ގޮތުގައި ފަޒީލަށް ވަނީ 378،000ރ. ލިބިފައެވެ.
ފަޒީލުގެ މައްޗަށް ކުރިއަށް ގެންދާ ތަހުގީގާއެކު އިސް މަގާމެއްގައި މުސާރައާއި އެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށްވެސް އެމްޑަބްލިއުއެސްސީން މިއަދު ވަނީ ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ނުހައްގުން ގޯތިތަކެއް ލިބުނު މީހުންގެ ތެރޭގައި ފަޒީލް ވެސް ހިމެނެއެވެ. އޭރު އެ ކަންކަމާ ހަވާލުވެ ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ.
ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލައިގެ ތުހުމަތުގައި އޭނާ ކުރެވޭ ފަޒުލް ވަނީ މައްސަލަ ފެންމަތިވުމާއެކު މަގާމުން އިސްތިއުފާދީފައެވެ.

