ބަނޑުގައި ވައިހެދި ފުފިފައި ހުރުމާއި، ބޭކާރު ސަރުބީ ޖަހައި ބަނޑުފަލަވާނަމަ ކަންބޮޑުވާނެ ކަން ޔަގީނެވެ. އަމުދުން ނުހަނު ބުރަކޮށް އުޅެމުން ގަވާއިދުން ކަސްރަތު ކުރަން ދާނެ ވަގުތު ނުލިބޭނަމަ މިކަން ހައްލުކުރާނެ ގޮތަކާމެދު ވަަރަށް ބޮޑަށް ވިސްނޭނެއެވެ. އެހެންކަމުން މި ގެނެސްދެނީ މިފަދަ ކަންބޮޑުވުން ދުރުކޮށް ހަމަޖެހުމުގެ ނޭވާއެއް ލެވޭ ކަހަލަ މައުލޫމާތުކޮޅެކެވެ. ނިކަން މިގޮތަށް ކަންތައް ކޮށްލަމާތޯއެވެ.
- ބެއި ލީވްސް؛ މިއީ ބަނޑުގައި ވައި ހެދުމާއި ބަނޑު ފުފިފައި ހުރުން ހައްލުކޮށްދޭ މާއްދާތައް އެކުލެވޭ ފަތެކެވެ.
- އޮރިގާނޯ ފަތް؛ ބޭކާރު ސަރުބީ ވިރުވައި ބަނޑުގައި ޖަހާފައި ހުންނަ ބޭކާރު މަސްތައް ވިރުވައިދީ ބަރުދަން ލުއިކުރުމަށް އެހީވެދޭ މާއްދާތަކުން މުއްސަނދި ފަތެކެވެ.
- ފޮނިތޮށި؛ ބަނޑުހައި ވުން ދުރުކޮށް، ލަހުން ބަނޑުހައިވާނެހެން ހިފަހައްޓައިދީ، މޭގެ ދުޅަހެޔޮކަމަށް އެހީވެދެއެވެ.
މި ސައި ތައްޔާރުކުރާނެ ގޮތާއި ބޭނުންކުރާނެ ގޮތް
ބޭނުންވާނެ ތަކެތި
- 4، 5 ވަރަކަށް ބެއި ލީވްސް
- 1 ސަމުސަލުގެ ހިއްކާފައި ހުރި އޮރިގާނޯ
- 1 ސަމުސަލުގެ ގާނާފައި ހުރި ފޮނިތޮށި
- 1 ލީޓަރުގެ ފެން
ތައްޔާރުކުރާނެ ގޮތް
- ތެއްޔަކަށް ފެން އަޅައި ކައްކާށެވެ. ރަނގަޅަށް ފެން އެތި ކެކެން ފެށުމުން ބެއިލީވްސް އާއި އޮރިގާނޯ އަދި ފޮނިތޮށި އަޅާށެވެ. ރަނގަޅަށް 5 ވަރަކަށް މިނެޓް ކެއްކުމަށްފަހު މެދުގިނީގައި 10 ވަރަކަށް މިނެޓް ރަހަ ނުކުންނަންދެން ކައްކާށެވެ.
- ފުރޭންޏަކުން ފުރާނައި ތަށްޓަކަށް އަޅާށެވެ. ބޭނުމިއްޔާ ސަމުސަލެއްގެ މާމުއި އެއްކުރެވިދާނެއެެވެ.
- މިހާރު ސައި ތައްޔާރުކުރެވުނީއެވެ. ރަނގަޅުގޮތަކީ ހޫނުކަން މަތީ ބުއިމެވެ.
- ދުވާލު އެއްފަހަރު ބޭނުންކުރުމުގެ ބަދަލުގައި ބަނޑުހައިވާނަމަ ކޮންމެ ދުވަހަކު ހެނދުނާއި ހަވީރުގެ ބުއިމަކަށް ބޭނުންކުރާށެވެ.
ބޭނުން ކުރާނެ ގޮތް
ހަފުތާއެއް ވަންދެން ބޭނުން ކުރެވޭއިރު ކެއުމުގެ އާދައަށް ބަދަލުއަންނަން ފަށާނެއެވެ. ސަރުބީ ޖަހާފަދަ ކެއުން މަދުކޮށް ސިއްހަތަށް ފައިދާ ކުރުވަނިވި ރަނގަޅުކާނާ މަދު މިންވަރަކަށް ކެއުމާއި ގިނައިން ފެން ބުއިން، ރޭގަނޑުގެ ކެއުން އަވަސްކޮށް ހަވީރު ނިންމައި، ރޭގަނޑު ސަރުބީ ފެޓް ހުންނަ ތަކެތި ކެއުމުން ދުރުހެލިވުމުން، ބަނޑުގައި ޖަހާ ބޭކާރު މަސް ވިރުވައި، ބަނޑު ހިންދުމާއެކު، ބަރުދަން ލުއިވުމަކީ ދާދި ފަސޭހަ ކަމެކެވެ.
ބެއި ލީވްސް، އޮރިގާނޯ އަދި ފޮނިތޮށީގެ ސަޔަކީ އެންޓިއޮކްސިޑެންޓްގެ މުއްސަނދި ބުއިމެކެވެ. މި ބާވަތްތަކުން ހަށިގަނޑުގެ ސެލްތައް ފްރީ ރެޑިކަލްސްގެ ގެއްލުމުން ރައްކާތެރިކޮށްދީ، ދުޅަހެޔޮ ސިއްހަތެއް ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. މި ސައިގެ މައިގަނޑު ފައިދާތަކުގެ ތެރޭގައި ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށްދިނުމާއި، ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ބެލެހެއްޓުމާއި، ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކުރުން ހިމެނެއެވެ. އަދި ހަށިގަނޑުގެ ބަރުދަން ބެލެހެއްޓުމަށާއި، ނޭވާލުމުގެ ނިޒާމަށާއި، ހިތުގެ ސިއްހަތަށް ވެސް ފައިދާކުރެއެވެ.

