ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަސްވެގެން ދިޔައީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހިކުމަތްތެރި މަސައްކަތްޕުޅުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށް ފުރިހަމަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ އިގްތިސާދު އޮތީ ފަސޭހަ ހިސާބެއްގައި ނޫން ކަމަށާއި، ގޮންޖެހުންތައް ބޮޑު އެ ދަނޑިވަޅުގައި ރައީސް އިސްކުރެއްވީ ކެތްތެރިކަމާއި ހިކުމަތްތެރިކަން ކަމަށެވެ. ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު މަޝްރޫޢުގެ 54 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަޝްރޫޢުގެ 100 އިންސައްތަ ފުރިހަމަ ކުރުމާ ގާތަށް ވަނީ ގޮސްފައެވެ.
މި މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާ އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ ޓާމިނަލެކެވެ. މިއީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުކުރުމުގެ ސިނާއަތަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ.
78،000 އަކަމީޓަރުގެ ޖާގައިގެ މި ޓާމިނަލްގައި 47 ޗެކްއިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކިއޮސްކާއި، ޒަމާނީ ބެގެޖް ހޭންޑްލިން ސިސްޓަމާއި، އެޑްވާންސް ސެކިއުރިޓީ ސްކްރީނިން ސިސްޓަމެއް ހުންނާނެއެވެ. މީގެ އިތުރުން ޑިއުޓީ ފްރީ ފިހާރަތަކާއި ކެއުން ބުއިމަށް ހާއްސަ ރެސްޓޯރަންޓް/ކެފޭތައް ވެސް ގާއިމު ކުރުމަށް ހަމަޖެހިފައިވެއެވެ.
އާ ޓާމިނަލްގެ މަސައްކަތް ނިންމުމަށް ދާދި ފަހުން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހޯދައިފައެވެ. ސަޢީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި މިހާރު ހިނގާ ތަރައްގީގެ މަޝްރޫޢުތައް ކަނޑައެޅިފައިވާ ޓައިމްލައިނަށް ނިންމުމުގައި ރައީސް އާއި އެމަނިކުފާނުގެ ކެބިނެޓް މިނިސްޓަރުންގެ ދައުރު ވަރަށް ބޮޑެވެ.

