ލިޔުންތެރިންގެ ޤަލަމްތަކުން ފޭދޭ ކޮންމެ ދެލި ތިއްކަކީ ޤައުމުގެ ދެމިއޮތުމާއި ދިވެހިވަންތަކަމުގެ ޙައްޤުގައި ވެދޭ ޤުރުބާނީއެއް ކަމުގައި، ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހަކީ ދިވެހި ލިޔުންތެރިންގެ ދުވަސް ކަމުގައި ފާހަގަކުރެވެނީ “އަލް އިޞްލާޙު” ގެ ނަމުގައި ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި މަޖައްލާއެއް ނެރެން ފެށި ދުވަހުގެ މުނާސަބަތުގައެވެ. މި ދުވަހާ ގުޅިގެން މެޑަމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދިވެހި ލިޔުންތެރިންނަށް ޚާއްޞަ ޚިޠާބެއް ދެއްވާފައެވެ.
ރައީސް މުޢިއްޒު އެ މަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވަނީ ލިޔުންތެރިންގެ ދައުރެއް ނެތް އެއްވެސް ދާއިރާއެއް ޤައުމެއްގެ ނިޞްބަތުގައި ނޯންނާނެ ކަމަށެވެ. އަދި ލިޔުންތެރީންނަކީ އަމިއްލަ ދީނާއި، ޤައުމާއި، ވަޠަނުގެ ދިފާޢުގައި އަދި ޤައުމަށް ކުރިއެރުން ހޯދައިދިނުމުގެ ޢަޒުމުގައި މަތިވެރި ޖިހާދެއް ކުރާ ބަޔަކު ކަމުގައި ވާންޖެހޭނެ ކަމަށެވެ.
ރައީސްގެ ޚިޠާބުގައި ލިޔުންތެރިކަމަކީ އަމާނާތެއްކަން ފާހަގަކުރައްވައި، ލިޔުންތެރީންގެ ފިކުރުތަކާއި ޚިޔާލުތަކުން ޤައުމުތައް ބިނާކުރެވޭކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް ޒިންމާދާރުކަމެއް ނެތް ލިޔުންތެރިކަމުން ޤައުމުތަކަށް ބޮޑެތި ގެއްލުން ލިބެމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.
މި މުނާސަބަތުގައި ރައީސް ވަނީ ދިވެހި ލިޔުންތެރީންގެ ގަލަންތައް ދިވެހީންގެ މަޞްލަޙަތާއި ކުރިއެރުމަށްޓަކައި ހަރަކާތްތެރި ކުރުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ދިވެހި ލިޔުންތެރީންގެ އުފެއްދުންތެރި ވިސްނުންފުޅުތައް، ދިވެހީންގެ ކަރާމަތާއި، ދިވެހި ޤައުމުގެ އުޖާލާ މާދަމާއަށްޓަކައި ފާޅުކޮށް، އާ ޚިޔާލުތަކާއި ތަޞައްވުރުތަކުން ދިވެހި ފަތްފުށްތައް މުއްސަނދި ކުރެއްވުމަށް އިލްތިމާސް ކުރައްވާފައިވެއެވެ.

