ފުވައްމުލަކު ސިޓީގެ މަސްޖިދުލް ހުދާގައި ކުޑަކުދިންތަކެއް ނަށާ ވީޑިއޯއެއް އާންމުވެ، އެ މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށައިފިއެވެ.
ޓިކްޓޮކްގައި ވައިރަލްވެފައިވާ މި ވީޑިއޯގައި ފެންނަނީ ފަސް ކުއްޖަކު މިސްކިތުގެ ތެރޭގައި މިވަގުތު ޓްރެންޑްވެފައިވާ ނެށުމެއް ނަށާ މަންޒަރެވެ. މި ވީޑިއޯ އާންމުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ ފާޑުކިޔަައި އެހާމެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ވަނީ މައްސަލަ ބަލަން ފަށާފައެވެ. އެ އިދާރާތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލަ ވަނީ އެ ފަރާތްތަކުގެ ސަމާލުކަމަށް އައިސްފައެވެ.
މި މައްސަލައާ ގުޅިގެން އާންމުންގެ ފަރާތުން ދަނީ ކުޑަކުދިންގެ އަޚްލާޤަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ވެސް ގޮވާލަމުންނެވެ.
ރާއްޖޭގައި ޓިކްޓޮކް ބޭނުންކުރާ އާބާދީ ބޮޑުވަމުން އަންނައިރު، އެ ޕްލެޓްފޯމް މެދުވެރިކޮށް ބައެއް ފަރާތްތަކުން ދަށު އަޚްލާޤީ މިންގަނޑުތަކާއި ފާޙިޝް ޢަމަލުތައް ހާމަކުރަމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. މިކަމާ ގުޅިގެން އިޖްތިމާޢީ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންދާކަން ވެސް ފާހަގަކުރެވެއެވެ.

