ހައްދުންމަތީ ފޮނަދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ވިޔަފާރި ބަނދަރާއި ބަންކަރިންގ ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކުރުމާ ގުޅޭ ކޮންސަލްޓޭޝަން މަރުހަލާގައި ބައިވެރިވުމަށް ޝައުޤުވެރިވާ އިންވެސްޓަރުންނަށް އެ ފުރުޞަތު އިޤްތިޞާދީ ތަރައްގީއާ ބެހޭ ވުޒާރާ އިން ވަނީ ހުޅުވާލައިފައެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ.
އިޤްތިޞާދީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢަކީ އިންޑިޔާ ކަނޑުގެ މެދު ސަރަހައްދުގައި ހިމެނޭ މުހިންމު ބޮޑު ވިޔަފާރި ދަތުރުތަކުގެ މަގެއް ކަމަށްވާ “ވަން އެންޑް ހާފް ޑިގްރީ ޗެނަލް” އާ އިންވެގެން އޮންނަ ލ. އަތޮޅުގައި ހިންގުމަށް ސަރުކާރުން ނިންމާފައިވާ އިސްތިރާޖީ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ އެ ސަރަހައްދުން ދަތުރުކުރާ ކަނޑު ދަތުރުފަތުރުގެ މަންފާ ހޯދުމަށްޓަކައި މަލްޓި-ޕާޕަސް ބަނދަރެއް ތަރައްޤީކުރުމާއެކު، ބަންކަރިންގ އާއި ގުޅުންހުރި ވަސީލަތްތަކާއި އެހެނިހެން ކަނޑު ދަތުރުފަތުރާ ގުޅޭ ޚިދުމަތްތަކަށް ބޭނުންވާ ބިނާތައް ޤާއިމުކުރުމެވެ.
ކޮންސަލްޓޭޝަން މަރުހަލާގައި، މަޝްރޫޢުގެ ކޮންސެޕްޓާމެދު އަމިއްލަ ވިޔަފާރިތަކުގެ ޝައުޤުވެރިކަން ހުރި މިންވަރު ދެނެގަތުމާއި، މާލީ ފީސިބިލިޓީ ދިރާސާކުރުމާއެކު، އާމްދަނީ ހޯދިދާނެ މޮޑެލްތަކާމެދު މަޝްވަރާކުރެވޭނެއެވެ. މީގެ އިތުރުން، ލޮޖިސްޓިކް ހަބްތަކާއި، އުޅަނދުފަހަރު މަރާމާތުކުރާނެ ވަސީލަތްތަކާއި ޔޮޓު ފަހަރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމާމެދުވެސް ހިޔާލު ހޯދޭނެއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ފަތުރުވެރިކަމުގެ މައްޗަށް އެކަނި ބަރޯސާވެފައި އޮންނަ އޮތުން ކުޑަކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގާ މުހިންމު މަޝްރޫޢެއްކަން ފާހަގަކުރެވެއެވެ.

