މެލޭޝިއާގައި ކިޔަވަމުންދާ ބޭރުގެ ދަރިވަރުންގެ އަތުން އަލަށް ނަގަން ނިންމި 6 ޕަސެންޓުގެ ޓެކްސް، ދިވެހި ދަރިވަރުންނަށް ބުރައަކަށް ނުވާނެ ގޮތަށް ކަންކަން ހަމަޖައްސަމުންދާ ކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
މެލޭޝިއާގެ މާލީ ވުޒާރާއިން ނިންމާފައިވަނީ އެ ގައުމުގެ ކޮލެޖު، ޔުނިވާސިޓީ، ޕްރީ ސްކޫލް އަދި އެހެނިހެން ތައުލީމީ މަރުކަޒުތަކުގައި ކިޔަވާ ބޭރުގެ ދަރިވަރުންގެ އަތުން ޖުލައި 1 އިން ފެށިގެން 6 ޕަސެންޓުގެ ޓެކުހެއް ނެގުމަށެވެ.
މިކަމާ ގުޅިގެން މިނިސްޓްރީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މެލޭޝިއާގައި ކިޔަވާ ކުދިންނާއި އެހެން ގައުމުތަކުގައި ކިޔަވަމުންދާ ކުދިންނަށް ވެސް ހަމަޖެހިފައިވާ އުސޫލުން ފައިސާ ފޮނުވަމުންދާ ކަމަށެވެ. ހާއްސަކޮށް، އަހަރަކު 60،000 މެލޭޝިއަން ރިންގިޓަށްވުރެ ބޮޑު ކޯސް ފީއެއް ދައްކަންޖެހޭ ދަރިވަރުންގެ އަތުން ނަގާ އައު ޓެކްސް ވެސް ސްކޮލަރޝިޕްގައި ތިބި ދިވެހި ކުދިންގެ އިންވޮއިސްގައި ހިމެނިގެން ލިބުމުން އެ ފައިސާ ދޫކުރަމުން ގެންދާނެ ކަމަށެވެ.
އަދި މިނިސްޓްރީން ލޯނު ނަގައިގެން މެލޭޝިއާގައި ކިޔަވަމުންދާ ދަރިވަރުންނަށް ވެސް މި ޓެކްސްގެ ކަންކަން ހަމަޖައްސައިދިނުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މި އައު ޓެކްސް ތައާރަފުކުރުމާ ގުޅިގެން މެލޭޝިއާގައި ކިޔަވާ އިންޓަނޭޝަނަލް ދަރިވަރުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާޅުކުރަމުންދާކަން ފާހަގަކުރެވެއެވެ.

