ފުވައްމުލަކު ސިޓީގެ މިސްކިތެއްގައި ކުޑަކުދިންތަކެއް ނަށާ ވީޑިއޯއެއް ހެދި މައްސަލައާ ގުޅިގެން، މިސްކިތްތަކުގައި ނެށުން ފަދަ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަމެއް ނޫން ކަމަށާއި، އެ ކުދިންނަށް ނަސޭހަތްތެރިވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ، “މިސްކިތްތަކަކީ ﷲ އަށް އަޅުކަން ކުރުމަށާއި، އެކަލާނގެ ޒިކުރު ކުރުމަށް ބިންމަތީގައި ލެއްވިގެންވާ މާތް ބިނާތައް” ކަމަށެވެ. އަދި “އެތަންތަނުގައި ނެށުމާއި އެތަންތަނާ ނުގުޅޭ ކަންކަން ކުރުމަކީ ހެޔޮވެގެންވާނެ ކަމެއް ނޫން” ކަމަށް ވެސް ވިދާޅުވިއެވެ.
މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ފަސް ފިރިހެން ކުދިން ފުވައްމުލަކު ސިޓީގެ މިސްކިތެއްގައި ލަވައެއްގެ އަޑާއެކު ނަށާ މަންޒަރެވެ. މި ވީޑިއޯއަކީ ޓިކްޓޮކް އެޕްލިކޭޝަން މެދުވެރިކޮށް ހަދާފައިވާ ވީޑިއޯއެއް ކަމަށް ބުނެވެއެވެ.
މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ވަނީ މިއީ މައިންބަފައިންގެ އިހުމާލުން ދިމާވެފައިވާ ކަމެއް ކަމަށް ފާހަގަކޮށްފައެވެ. އެއް ފަރާތަކުން ކޮމެންޓެއްގައި ބުނެފައިވަނީ މިއީ “100 އިންސައްތަ މައިންބަފައިންގެ އިހުމާލު” ކަމަށެވެ.
މީގެ ކުރިންވެސް މިސްކިތްތަކުގައި ޓިކްޓޮކް ވީޑިއޯ ހެދުމުގެ މައްސަލަތައް ފެނިފައިވާއިރު، އެފަދަ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބަލާފައެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މި މައްސަލައިގައި ހިމެނޭ ކުދިންނަށް ނަސޭހަތްތެރިވާނެ ކަމަށް އިޢުލާނުކޮށްފައެވެ.

