ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޗެއަރޕަރސަންގެ މަޤާމަށް ނ. ފޮއްދޫ، ޔާޤޫތުގޭ ހުސެއިން ޝާމް އާދަމް ހަމަޖައްސައިފިއެވެ. މި މަޤާމަށް އޭނާ އައްޔަނުކުރެއްވި ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ވަނީ އިއުލާނުކޮށްފައެވެ.
ޕީސީބީން މިކަން އިއުލާނުކުރުމުގައި ބުނެފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއެކު ޗެއަރޕަރސަންގެ މަޤާމަށް ހުސެއިން ޝާމް އާދަމް އައްޔަނުކޮށްފައިވާ ކަމަށެވެ.
ފެނަކައިގެ ޗެއަރޕަރސަންކަމުގެ މަޤާމާ ހުސެއިން ޝާމް ހަވާލުވެވަޑައިގަތުމުގެ ކުރިން އަދާކުރައްވަމުން ގެންދެވީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރުގެ މަޤާމެވެ. އަދި އޭގެ ކުރިން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ.
ފެނަކައިގެ ޗެއަރޕަރސަންގެ މަޤާމުގައި މީގެ ކުރިން ހުންނެވި މ. ލާލުބާގް އަހުމަދު ޝަހީރު އެ މަޤާމުން ވަކިކުރެއްވުމަށްފަހު، މިހާރު ވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޗެއަރމަންގެ މަޤާމަށް އައްޔަނުކުރައްވާފައެވެ.
ފެނަކަ ކޯޕަރޭޝަނަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރަމުންދާ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުންޏެކެވެ.

