ތިލަފުށީ ޕޯޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގާއިމްކުރާ އެމްޕްޓީ ކޮންޓެއިނަރު ރައްކާކުރާ ފެސިލިޓީގެ މަސައްކަތް ނިންމައި، އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެތަން އޮޕަރޭޝަނަށް ގެނައުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފިއެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ޕޯޓް އޮޕަރޭޝަންސްގެ މެނޭޖަރު އިބްރާހިމް ވިޝާން ރަޝީދު ވިދާޅުވި ގޮތުގައި، މި ފެސިލިޓީގެ މަގަތު ފާލަމުގެ މަސައްކަތުގެ 80 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.
އެމްޕީއެލްގެ ބިޒްނަސް ޑިވެލޮޕްމަންޓު މެނޭޖަރު މުހައްމަދު އައިމަން އަލީ ވިދާޅުވި ގޮތުގައި، މި ޕޯޓުގައި އެއްފަހަރާ 1600 އާއި 1800 އާ ދެމެދުގެ ބަރުކޮށްފައިވާ ކޮންޓެއިނަރު ރައްކާކުރެވޭނެއެވެ. އަދި މި ޕޯޓު އޮޕަރޭޝަނަށް އައުމުން އާންމު ރައްޔިތުންނާއި، ވިޔަފާރިތަކާއި، ސިނާއަތްތަކަށް އިތުރު ޚަރަދުތަކެއް ނުހިނގައި، ޚިދުމަތްތައް ރަނގަޅުވެގެންދާނެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ތިލަފުށީ ޕޯޓުގެ ހިދުމަތް ފަށަނީ: ފޮޓޯ: އެމްޕީއެލް
މި ޕޯޓުގައި ޖުމުލަ 700 އާއި 1000 އާ ދެމެދުގެ މުވައްޒަފުން މަސައްކަތްކުރާނެ ކަމަށާއި، ދެ މޯބައިލް ހާބަރ ކްރޭން ބޭނުންކޮށްގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން "ތިލަފުށި ކާގޯ ހެންޑްލިންގް ފެސިލިޓީ" ގެ ނަމުގައި 100 މީޓަރުގެ މަގަތު ފާލަމަކާއެކު އިތުރު ފެސިލިޓީއެއް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
މި ފެސިލިޓީގެ ސަބަބުން ކޮންޓެއިނާ ބާލައި ހެދުން ރައްކާތެރިވެ، މަސައްކަތްކުރާ ފަރާތްތަކުން އެތަންތަނަށް އަރައި ކުރާ މެނުއަލް ޕްރޮސެސްތައް ނެތިގެންދާނެ ކަމަށާއި، އެކްސިޑެންޓްތައް މަދުވެ، ޕޯޓުގެ ދުވެލި އަވަސްވެގެންދާނެ ކަމަށް އޮފިޝަލުން ފާހަގަކުރެއެވެ.

