މި ހިނގާ ޖުލައި މަހުގެ ތެރޭގައި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ގާއިމުކުރަމުންދާ އައިނު ފިހާރަ ހުޅުވާލެވޭނެ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުލްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވި ގޮތުގައި، އަތްފޯރާ ފަށުގައި ރައްޔިތުންނަށް އައިނު ހެދުމުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ވަރަށް ބޮޑު ޚަރަދެއް ކުރަމުންދެއެވެ. އަދި މިހާތަނަށް ދައުލަތުގެ އެއްވެސް އިދާރާއަކުން ނުވަތަ ހޮސްޕިޓަލަކުން މި ޚިދުމަތް ފޯރުކޮށްދީފައި ނުވާކަން ފާހަގަކުރެއްވިއެވެ.
“އެއްވެސް ހާލެއްގައި ޕްރައިވެޓް ސެކްޓަރއާ ވާދަކުރާކަށް ނޫން. އަޅުގަނޑުމެން ވިޔަފާރިއެއްގެ ގޮތުގައި ވިޔަފާރިކުރުމަކަށް ނޫން މި ޚިދުމަތް މި ފަށަނީ،” ހަލީމް ވިދާޅުވިއެވެ. އަދި އާސަންދައިގެ ކަނޑައެޅިފައިވާ އަދަދުގެ ތެރެއިން ރައްޔިތުންނަށް އައިނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އައިޖީއެމްއެޗްގެ އައިނު ފިހާރައިން ޚިދުމަތް ހޯދުމަށް، އެ ހޮސްޕިޓަލުން ނުވަތަ އެހެން ހޮސްޕިޓަލަކުން ނުވަތަ ކްލިނިކަކުން ނަންބަރު ނަގައިގެން ވެސް އައިނު ހެއްދޭނެ ކަމަށް ހަލީމް ވިދާޅުވިއެވެ. މީގެއިތުރުން، ހުޅުމާލެ ހޮސްޕިޓަލާއި ރާއްޖޭގެ ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް އައިނު ފިހާރަ ހުޅުވުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ދައުލަތުން މި ޚިދުމަތް ފޯރުކޮށްދިނުމަށް ފެށުމުން ވެސް، އަމިއްލަ ފަރާތްތަކަށް މި ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ހަލީމް ވަނީ ފާހަގަކުރައްވާފައެވެ. އެއީ އައިޖީއެމްއެޗަކީ ދައުލަތުގެ އިދާރާއެއްގެ ގޮތުގައި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މެންޑޭޓް އޮންނަ ތަނަކަށް ވާތީއެވެ.

