މަޤާމުން ވަކިވެވަޑައިގަތަސް، އެޑްވައިޒަރީ މަޤާމެއްގައި ހުންނަވައިގެން ކުންފުންޏަށް އެހީތެރިވުމަށް ބޭނުންފުޅުވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމާ ހަވާލުވެވަޑައިގަތީ ރިޓަޔަރމަންޓުގައި ހުންނެވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ.
“ސެމީ ރިޓަޔަރމެންޓުގައި އަޅުގަނޑު ހުރެފައި މި އައީ. މަޤާމަށް އައުމުގެ އެއް ސަބަބަކީ މިކަމުގެ މުހިންމު ކަމާއެކު އެޗްޑީސީއަށް އިސްލާހުތަކެއް ގެންނަން ބޭނުންވާތީ. ރައީސް ރިކުއެސްޓް ކުރެއްވީމަ ބަލައިގަންނަން ޖެހޭނެ ކަމަށް ޤަބޫލުކުރައްވާތީ،” މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ފާހަގަކުރެއްވި ގޮތުގައި، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވާފައިވަނީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށެވެ. އަދި މި ދެ ލަނޑުދަނޑިވެސް ހާސިލުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ފުލް ރިޓަޔަރމެންޓަކަށް ދިއުމެއް ނޫން. އަޅުގަނޑު ހަމަ ބޭނުންވަނީ އެޗްޑީސީގެ އެޑްވައިޒަރ ނުވަތަ ކޮންމެވެސް މަޤާމެއްގައި ހުންނަން. އެޗްޑީސީން އެއްކޮށް ދުރަށް ދިއުމެއްވެސް ނޫން،” މައުރޫފް ވިދާޅުވިއެވެ.
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ތަރައްޤީގައި މިހާރު ފެންނަ ކުރިއެރުންތައް ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންގެ ތެރޭގައި މައުރޫފް ހިމެނިވަޑައިގަންނަވައެވެ. އަދި އެޗްޑީސީގެ ކުރިމަގު އޮތީ އުޖާލާކޮށް ކަމަށާއި ކުންފުނި ބާރަށް ކުރިއަށްދާނެ ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

