ނިދުމަކީ އިންސާނުންގެ ދުޅަހެޔޮ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ އަސާސީ ކަމެކެވެ. ނަމަވެސް، ގިނަ ބަޔަކަށް ރަނގަޅު ނިންޖެއް ނުލިބުމުގެ ސަބަބުން ދިމާވާ އެންމެ ނުރައްކާތެރި އެއް ބައްޔަކީ ސްލީޕް އެޕްނިއާއެވެ. މިއީ ނިދީގައި ނޭވާލުން މަޑުޖެހި ނުވަތަ ހުއްޓޭ ބައްޔެކެވެ.
ސްލީޕް އެޕްނިއާގެ ބާވަތްތައް: ސްލީޕް އެޕްނިއާގެ މައިގަނޑު ދެ ބާވަތެއް ވެއެވެ. އެއީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އާއި ސެންޓްރަލް ސްލީޕް އެޕްނިއާއެވެ. އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގައި ކަރުތެރޭގެ މަސްތަކުގެ ހަރަކާތް ބަދަލުވެ، ނޭވާއަށް ބޭނުންވާ ވައިދަތުރުކުރާ މަގު ބަންދުވެއެވެ. އަނެއް ބާވަތް ކަމުގައިވާ ސެންޓްރަލް ސްލީޕް އެޕްނިއާގައި ނޭވާލުމުގެ މަސައްކަތަށް ސިކުނޑިން ސިގްނަލް ނުލިބުމުގެ ސަބަބުން ނޭވާލުން ހުއްޓެއެވެ.
ސްލީޕް އެޕްނިއާގެ އަލާމާތްތައް: މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ބާރަށް ގުގުރިދެމުންން، އަނގައާއި ކަރުތެރެ ހިކުން، ނޭވާލާން އުނދަގޫވުން އަދި އަބަދުމެ ވަރުބަލިކަން އިހުސާސްކުރެވުން ހިމެނެއެވެ. މީގެ އިތުރުން، ދުވާލުގެ ވަގުތުތަކުގައި ނިދިޖެހުމާއި، ސަމާލުކަން ދެމެހެއްޓުމަށް އުނދަގޫވުން ފަދަ ކަންކަން ވެސް ދިމާވެއެވެ.
ސްލީޕް އެޕްނިއާއަށް މަގުފަހިވާ ސަބަބުތައް: މި ބައްޔަށް މަގުފަހިވާ ގިނަ ސަބަބުތަކެއް ވެއެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ބަރުދަން އިތުރުވުން، އުމުރުން ދުވަސްވުން، ބޮޑު ކަރެއް ހުރުން، ޓޮންސިލް ނުވަތަ އެޑިނޮއިޑް ބޮޑުވުން، އަދި ވައިދަތުރުކުރާ މަގު ހަނިވުން ހިމެނެއެވެ. މީގެ އިތުރުން، ބަނގުރާ އަދި ނިދި ގެނުވާ ބޭސް ބޭނުންކުރުން، ދުންފަތުގެ އިސްތިޢުމާލުކުރުން، އަދި ނޭފަތުގެ މައްސަލަތައް ވެސް މި ބައްޔަށް މަގުފަހިކުރެއެވެ.
ސްލީޕް އެޕްނިއާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް: މި ބަލީގެ ސަބަބުން ގުނަވަންތަކަށް އޮކްސިޖަން ނުލިބި، ހާޓް އެޓޭކް އަދި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކަށް މަގުފަހިވެއެވެ. މީގެ އިތުރުން، ލޭގެ ޕްރެޝަރ މައްޗަށް ދިއުން، ހަކުރު ބަލި، އަދި ހަނދާން ކުޑަވުން ފަދަ މައްސަލަތައް ވެސް ކުރިމަތިވެއެވެ. އަދި މި ބަލީގެ ސަބަބުން ރަނގަޅު ނިދި ނުލިބި، ދުވާލުގެ ވަގުތުތަކުގައި މަސައްކަތްތެރިކަން ދަށްވެ، އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ.
ސްލީޕް އެޕްނިއާ ރަނގަޅުކުރެވޭތަ: ސްލީޕް އެޕްނިއާއަކީ ފަރުވާ ކުރެވިދާނެ ބައްޔެކެވެ. މި ބައްޔަށް އެކި ބާވަތުގެ ފަރުވާތައް ލިބެން ހުރެއެވެ. އަދި ކޮންމެ މީހެއްގެ ހާލަތަށް އެންމެ އެކަށީގެންވާ ފަރުވާ ކަނޑައެޅުމަކީ މުހިންމު ކަމެކެވެ. މިބައްޔަށް ފަރުވާކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސްލީޕް ސްޓަޑީއެއް ހަދައި، ބަލީގެ ބާވަތާއި މިންވަރު ދެނެގަތުމެވެ. އޭގެ ފަހުން، ބަލީގެ ބާވަތަށް ބަލައި އެކަށީގެންވާ ފަރުވާ ދެވެއެވެ.

ސްލީޕް އެޕްނިއާގެ މައިގަނޑު ދެ ބާވަތެއް ވެއެވެ.—ފޮޓޯ:ހެލްތުޑެއި
އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާގެ ފަރުވާތައް: ލުއި މިންވަރެއްގެ ސްލީޕް އެޕްނިއާ ހުންނަ ފަރާތްތަކަށް މި ބަދަލުތަކުން ފަރުވާ ލިބިދާނެއެވެ. މީގެ ތެރޭގައި:
- ހަށިގަނޑުގެ ބަރުދަން ދަށްކުރުން
- ނިދާ ބޭސްތައް ބޭނުން ނުކުރުން
- ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުން
- ވައަތް ފަރާތަށް އޮވެ ނިދުން
ސީޕެޕް މެޝިން: މެދުމިނުގެ އަދި ގަދަފަދަ ސްލީޕް އެޕްނިއާއަށް އެންމެ އާންމުކޮށް ބޭނުންކުރާ އަދި އެންމެ ފައިދާހުރި ފަރުވާއެވެ. މި މެޝިނުން މާސްކެއް މެދުވެރިކޮށް ޕްރެޝަރައިޒްކޮށްފައިވާ ވައި ފޯރުކޮށްދީ، ނިދީގައި ވައިދަތުރުކުރާ މަގު ހުޅުވިފައި ބަހައްޓައެވެ.
އޯރަލް އެޕްލަޔަންސަސް: ޚާއްޞަކޮށް ތައްޔާރުކުރެވޭ މި އާލާތްތަކަކީ ދަތްޕިލައިގެ އަދި ދުލުގެ ޕޮޒިޝަން ބަދަލުކޮށް، ނިދީގައި ވައިދަތުރުކުރާ މަގު ބަންދުވިޔަ ނުދިނުމަށް އެހީތެރިވާ އެއްޗެކެވެ.
ސަރޖަރީ: ބައެއް ހާލަތްތަކުގައި، ހަށިގަނޑުގެ އޮނިގަނޑުގެ މައްސަލަތައް ރަނގަޅުކުރުމަށް ސަރޖަރީ ކުރަން ޖެހޭނަމަ ޑޮކްޓަރުންއެކަމުގެ އިރުޝާދު ދޭނެއެވެ.
ސްލީޕް އެޕްނިއާގެ ފަރުވާގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކުގެ ތެރޭގައި:
- ކޮންމެ މީހަކަށް އެމީހެއްގެ ހާލަތާ އެކަށީގެންވާ ފަރުވާއެއް ރޭވުން
- ޑޮކްޓަރެއް ނުވަތަ ސްޕެޝަލިސްޓެއްގެ ލަފާގެ މަތިން ފަރުވާ ކަނޑައެޅުން
- ބައެއް ފަހަރު އެކި ބާވަތުގެ ފަރުވާތައް އެއްކޮށް ކުރަންޖެހުން
ސްލީޕް އެޕްނިއާގެ ފަރުވާ ކާމިޔާބުވުމަށް އެންމެ މުހިންމީ ރަނގަޅު ޑޮކްޓަރެއްގެ ބެލުމުގެ ދަށުން، އެމީހެއްގެ ހާލަތާ އެންމެ އެކަށޭނަ ފަރުވާއެއް ހޯދުމެވެ. އަދި ފަރުވާއާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަކީވެސް މުހިންމު ކަމެކެވެ.
ހަމައެހެންމެ ސްލީޕް އެޕްނިއާއަކީ ނުރައްކާތެރި ހާލަތްތަކަށް މަގުފަހިކުރާ އަދި އާންމު ދިރިއުޅުމަށް ބޮޑެތި އަސަރުތައް ކުރުވާ ބައްޔެކެވެ. އެހެންކަމުން، މި ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކައި، އެކަށީގެންވާ ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ރަނގަޅު ނިދި ލިބުމަކީ ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަށް ކޮންމެހެން މުހިންމު ކަމެއްކަން ހަނދާން ބަހައްޓަންޖެހެއެވެ

